ޝައިޚް ޙަސީނާ ފުރާވަޑައިގަންނަވާތީ ހުޅުލޭގެ ބައެއް ސަރަހައްދު ބަންދު

ހުޅުލޭ ފަޅުތެރޭގައި އަޅާފައި އޮތް އުޅަނދުތަކެއް -- ސަން ފޮޓޯ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ފުރާވަޑައިގަންނަވާތީ ހުޅުލޭގެ ބައެއް ސަރަހައްދު ބަންދުކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ނިންމައިފިއެވެ.

އެމްޕީއެލްއިން ބުނީ ވީވީއައިޕީ މޫމްމެންޓަކަށް، ހުޅުލޭ އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތިން ފެށިގެން ކާގޯ އިމާރާތުގެ ދެކުނު ކަންމައްޗާ ހަމައަށް، ހުޅުލޭގެ އެއްގަމާއި ފަޅުތެރޭގައި މިއަދު މެންދުރު 2:00 ގެ ނިޔަލަށް އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުން މަނާ ވާނެ ކަމަށެވެ.

މިއަދު މެންދުރުކުރި 11:00ން ފެށިގެން މެންދުރު ފަހު 2:00 އަށް އެ ސަރަހައްދުގެ ފަޅުތެރެއަށް އެއްވެސަ އުޅަނދެއް ވަދެ ނިކުތުމާއި މަޑުކުރުން ވެސް ވަނީ މަނާކޮށްފައެވެ.

އެހެންކަމުން އެ ވަގުތުތަކުގައި ކަނޑު އުޅަނދުފަހަރަށް ބޭނުން ކުރެވޭނީ ހުޅުމާލޭގެ އެންމެ ދެކުނުގައިވާ ނެރެވެ.

މީގެ އިތުރުން މިއަދު މެންދުރު 12:15އިން މެންދުރުފަހު 2:00ގެ ނިޔަލަށް އެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ވެހިކަލެއް ދުއްވުން ވަނީ މަނާކޮށްފައެވެ.

ފުލުހުންގެ އިރުޝާދާ އެއްގޮތަށް އެވަގުތު އެ ސަރަހައްދުގައި މީހުނަށް ފައިމަގުގައި އުޅެވޭނެ ކަމަށާއި، ނަމަވެސް ދުއްވާ އެއްޗެއްސާއި ހިނގާމީހުނަށް މުޅިން މަނާ ވަގުތެއް އަންނާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

ހުޅުމާލޭގެ ބައެއް ސަރަހައްދުތައް ބަންދު ކުރުމާ ގުޅިގެން އެމްޓީސީސީގެ މިއަދުގެ ބަސްރޫޓަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން މާލޭ ވެސްޓް ޕާކް ކައިރި ބަސް ރޫޓާއި ހުޅުމާލެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ބަހުގެ ދަތުރު އޮންނާނީ މެންދުރު 12:15 އާއި މެންދުރުފަހު 2:00ގައި ކަމަށް އެމްޓީސީސީން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތުފުޅަކަށް، ޝައިޚް ޙަސީނާ ރާއްޖެ ވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ.

https://sun.mv/160428

ޝައިޚް ޙަސީނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ރަސްމީބައި ނިމި، މިދިޔަ ބުރާސްފަތި ދުވަހުގެ ފަހުން ހުންނެވީ ޗުއްޓީ ހޭދަކުރައްވާށެވެ.

comment ކޮމެންޓް