އެއްބައިވަންތަކަމުގެ ދުވަހު ނަޝީދުގެ މެސެޖެއް ވާދަވެރިންނަށް: ނަފްރަތު އުފެދޭ ކަންކަމާ ދުރުވޭ

އޭޕްރީލް 11، 2021: ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްބައިވަންތަކަމުގެ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވި މެސެޖުގައި ނަފްރަތު އުފެދޭ ކަންކަމުން ދުރުވުމަށް ގޮވައިލައްވައިފިއެވެ.

އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ސުނާމީގެ ބިރުވެރި ހާދިސާއަށްފަހު ކަމަށެވެ.

މި ދުވަސް ފާހަގަކުރަމުން އަންނައިރު، އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރީންނަށް ނަޝީދު ވަނީ މެސެޖެއް ދެއްވައިފައެވެ. އެގޮތުން ނަޝީދު ވަނީ ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ނަފްރަތު އުފެދޭ ކަންކަމުން ދުރުވާން ގޮވައިލައްވައިފައެވެ.

"އެމްޑީޕީއާއި އެމްޑީޕީގެ ވާދަވެރީން ވެސް ބައިބައިވުމާއި، ނަފްރަތު އުފެދޭ ކަންކަމާ ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމިތިބުމަށް އަޅުގަނޑު ގޮވައިލަން،" ނަޝީދު ވިދާޅުވިއެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ޑިސެންބަރު 26 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަމުން އަންނަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިންގެ ކިބައިން ފެނުނު ހިތްވަރާއި ސާބިތުކަމާއި ހިތްތިރިކަމުގެ ރީތި ނަމޫނާގެ ސަބަބުންނެވެ.

comment ކޮމެންޓް