ބީއެމްއެލް ވައު ކިޑްސް ރަން ބާއްވައި އެމްއޭޕީޑީ އަށް އެއްލައްކަ ރުފިޔާގެ އެހީއެއް

ބީއެމްއެލް ވާއު ޓީއެފްޖީ ކިޑްޒް ރަން 2020 ގެ ތެރެއިން -- ސަންފޮޓޯ/ ނާއިލް ހުސައިން

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.

ހަތަރު އުމުރު ފުރާއެއްގެ ޖުމްލަ 900 އަށް ވުރެ ގިނަ ބައިވެރިންނާ އެކު މި ދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭގަ އެވެ.

މި ދުވުމާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސަބިލިޓީސް (އެމްއޭޕީޑީ) އަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މި ފައިސާ އެމްއޭޕީޑީއާ ހަވާލުކޮށްދެއްވީ ބޭންކުގެ ބޯޑުގެ ޗެއާމަން ޔޫޝައު ސައީދު އާއި ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓާ ސަހާ ވަހީދު އެވެ.

އެމްއޭޕީޑީ އިން މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ހިންގަމުންދާ 'ހެލްތީ ޕީޑަބްލިއުޑީސް" ޕްރޮގްރާމް އަށެވެ. މި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފިޒިއޯ ތެރަޕީ ދިނުމާއި ބިހޭވިއާ، ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީ ދިނުމަށްވަނީ ހަމަޖެހިފައެވެ.

ބީއެމްއެލް ވާއު ޓީއެފްޖީ ކިޑްޒް ރަން 2020 ގެ ތެރެއިން -- ސަންފޮޓޯ/ ނާއިލް ހުސައިން

ބީއެމްއެލް ވައު ކިޑްޒް ރަން އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހާއްސަ ހަރަކާތެއް ކަމަށެވެ. އަދި މި ފަހަރުގެ ދުވުމާ ގުޅުވައިގެން ބޭންކުން އެހީތެރިކަން ފޯރުކޮށްދެވޭ ޕްރޮގްރާމަކީ ވެސް މުޖުތަމައަށް ވަރަށް ވެސް ބޭނުންތެރި ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އުމުރު ފުރާތަކާ ގުޅޭގޮތަށް މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ 1.3 ކިލޯ މީޓަރާއި 2 ކިލޯމީޓަރާއި 3 ކިލޯ މީޓަރު އަދި 4 ކިލޯ މީޓަރގެ ދިގުމިނަށެވެ. ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ. ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ކޮންމެ އަހަރަކުވެސް ލިބޭ ދުވުމެކެވެ.

comment ކޮމެންޓް