ޝައިޚު ހަސީނާގެ ތަގްރީރު ހާއްސަކުރެއްވީ ބައްޕާފުޅު ވެވަޑައިގެންނެވި ގުރުބާނީއަށް

ޝައިޚު ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރައްވަނީ-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚު ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރުކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝައިޚު ހަސީނާ ތަގްރީރުކުރައްވައިފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޝައިޚު ހަސީނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ތަރައްގީއާއި ޑިމޮކްރަސީ ފައްކާކުރުމަށް ކުރާ ދަތުރުގައި ބަންގްލަދޭޝުން އެހީވެވުމަކީ އެ ގައުމަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.

ހަމައެހެންމެ މިއަދު ހަނދާން އާ ވެގެންދަނީ ބަންގްލަދޭޝުން މިނިވަން ކަމަށް ކުރި ދަތުރުކަން ފާހަގަކުރައްވައި ހަސީނާ ވިދާޅުވީ މި އަހަރަކީ ބަންގްލަދޭޝަށް ހާއްސަ އަހަރެއް ކަމަށެވެ. އެގޮތުން ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ ބަންގާބަންދު ޝެއިޚް މުޖީބުއް ރަހްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުމުގެ އިތުރުން އެ ގައުމުގެ މިނިވަންކަމުގެ ރަން ޔޫބީލް އަހަރުކަން ވެސް ފާހަގަކުރެއްވިއެވެ.

އެކަމަނާ ވިދާޅުވީ ޝައިޚު މުޖީބުއް ރަހްމާނަކީ ބަންގްލަދޭޝުގައި އޭރު އަނިޔާވެރިކަމާއި ނާއިންސާފާއި ލާއިންސާނީ ކަންކަން ހުއްޓުވުމަށް އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ބޭފުޅާ ކަމަށެވެ. އަދި ބައްޕާފުޅުގެ މުޅި ހަޔާތް ހޭދަކުރެއްވީ އެ ގައުމަށް މިނިވަންކަމާއި ޑިމޮކްރަސީ ގެނައުމަށް ކަން ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ޝައިޚު މުޖީބުއް ރަހްމާން ބޭނުންވެވަޑައިގަތީ ބަންގްލަދޭޝަކީ ބަނޑުހައި ހޫނުކަމާއި ފަގީރުކަމާއި ލާއިންސާނީ ކަންކަމުން ސަލާމަތްވެ، އިންސާފު ގާއިމްކުރެވޭ ތަނަކަށް ހެދުމަށް ކަމަށް ހަސީނާ ފާހަގަކުރެއްވިއެވެ.

ޝެއިޚް މުޖީބުއް ރަހްމާންގެ އަރިހުގައި މިނިވަންކަމަށް ގޮވައިލައި މަސައްކަތް ކުރައްވައި، ދުނިޔެ ދޫކޮށް ބަންގްލަދޭޝްގެ އެތައް ހާސް ރައްޔިތުންނެއް ވީ ގުރުބާނީ ފާހަގަކުރައްވައި އެ އާއިލާތަކުގެ ހަނދާން ހަސީނާ އާ ކުރެއްވެވިއެވެ.

މީގެ އިތުރުން މިނިވަންކަން ހޯދުމަށް ކުރި ދަތުރުގައި ޝެއިޚް ހަސީނާގެ ބައްޕާފުޅާއި އާއިލާގެ 18 ބޭފުޅަކު އަވަހާރަވި ގޮތާއި، އެކަމުގެ ސަބަބުން ހަސީނާއާއި އެކަމަނާގެ ކޮއްކޯފުޅު އުފުއްލަވަން ޖެހިވަޑައިގެންނެވި ނިކަމެތިކަމުގެ ވާހަކަ ހިއްސާކުރެއްވިއެވެ.

އޭގެ ފަހުން ހަ އަހަރު ވަންދެން ގައުމުން ބޭރުގައި ހުންނެވުމަށްފަހު، އެނބުރި ވަޑައިގެން މިއަދާ ހަމައަށް ކުރައްވަމުން އަންނަނީ ބަންގްލަދޭޝް ގައުމެއްގެ ގޮތުގައި ކުރިއަރުވަން ބައްޕާފުޅު ކުރެއްވި މަސައްކަތުގައި ދެމިހުންނެވި ކަމަށް ހަސީނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚު ހަސީނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހަސީނާ އިތުރަށް ވިދާޅުވީ އެކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ބަންގްލަދޭޝަކީ އިގްތިސޯދީ ގޮތުން ކުރިއަރަމުން އަންނަ، ޑިމޮކްރެސީ ގާއިމްކުރެވިފައިވާ، ދުނިޔޭގެ އެހެން ގައުމުތަކުން ބަލައިގަންނަ ގައުމެއް ކަމަށެވެ. ބަންގްލަދޭޝްއަކީ މިހާރު ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އެއް ގައުމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހަސީނާ ވަނީ މިއަހަރަކީ ރާއްޖެއާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެން ދިޔަ އަހަރެއް ކަން ވެސް ފާހަގަކުރައްވައިފައެވެ.

ހަސީނާގެ ތަގްރީރުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ކްލައިމެޓް ޗޭންޖާ ގުޅިގެން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ބަންގްލަދޭޝުން ވެސް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް