ކޮވިޑް ޖެހިގެން ތިނަދޫ ފެސިލިޓީން މީހަކު މަރުވެއްޖެ

ގ.ދ. ތިނަދޫ: އެ ރަށުގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ މީހަކު ރޭ ވަނީ މަރުވެފައި --- ފައިލް ފޮޓޯ / ސްޓޫޑިއޯ33

ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 261 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ, ރޭ 10:50 ހާއިރުގައި ގދ. ތިނަދޫގައި ހުންނަ އެ އަތޮޅު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 66 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.

ކޮވިޑްގައި ރާއްޖެއިން އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެއީ ކުރީގެ ވަޒީރު އުމަރު ޒާހިރުއެވެ. އުމުރުފުޅުން 85 އަހަރުގައި, ޒާހިރު އަވާހަރަވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކޮވިޑަށް ފަރުވާދެމުންދަނިކޮށެވެ.

އެޗްޕީއޭ އިން ރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 94،299 އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން އެއްކޮށް ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 92،099 އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދަކީ 1927 އެވެ. މީގެ ތެރެއިން 15 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

comment ކޮމެންޓް