100 ކިލޯ ޑްރަގް މައްސަލައިގައި ބޮޑުން ހިމެނޭހެން 10 މީހުންނަށް ދައުވާ އުފުލައިފި

މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލާގައި ތުހުމަތު ކުރެވޭ 10 މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން، ބޮޑުން ކަމަށް ފުލުހުން ތުހުމަތު ކުރި ދެ މީހުން ދޫކޮށްލުމަށްފަހު ފުލުހުން މީގެ ކުރިން ވަނަވަރު އާންމު ކުރީ އަށް މީހެއްގެއެވެ. އެހެންނަމަވެސް ޕީޖީން ވަނީ އެ މައްސަލައިގައި ހައްޔަރުކުރި އެންމެންގެ މައްޗަށް އެކި ދައުވާތައް އުފުލައިފައެވެ.

ޕީޖީން ވަނީ މި މައްސަލައިގައި ތިން ދައުވާއެއް އުފުލައިފައެވެ. އެގޮތުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ވަނީ އަށް މީހެއްގެ މައްޗަށް އުފުލައިފައެވެ. އެއީ:

  • ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު
  • ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ޙަބީބު
  • ކ. މާފުށި، ސްވީޓްމީޑް، އަޙްމަދު މާހިރު
  • ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޑީއެމް މޮބިން
  • ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްޠަފާ
  • ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު
  • ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީޤުލް އިސްލާމް
  • ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން

ހަމައެހެންމެ ފަސް މީހެއްގެ މައްޗަށް ވަނީ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ. އޭގެ ތެރޭގައި ބޮޑުން ކަމަށް ފުލުހުން ތުހުމަތު ކުރި ބައެއް މީހުން ވެސް ހިމެނެއެވެ. އެއީ:

  • ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުޙަތު އިބްރާހީމް
  • މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަޙްމަދު ސިރުޙާން ޝަމީމް
  • ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްޠަފާ
  • ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު
  • ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީޤުލް އިސްލާމް

މީގެ އިތުރުން ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ ވަނީ އެކަކުގެ މައްޗަށް އުފުލައިފައެވެ. އެއީ ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިންގެ މައްޗަށެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރީ 10 މީހުންނެވެ. އަދި އެ މީހުންނަށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެ ކަމުގައި އެންމެ އިސްކޮށް ހުރި މީހުން ކަމަށް ފުލުހުން ތުހުމަތު ކުރި ދެ މީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ.

އެންމެ ފުރަތަމަ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވަނީ އަށް މީހެއްގެއެވެ. އޭގެ ތެރެއިން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ބަންދުގައި ތިބީ ފަސް މީހެކެވެ. އެއީ ބަންގްލަދޭޝްގެ ދެ މީހުންނާއި ތިން ދިވެހިންނެވެ.

އެ ތިން ދިވެހިންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ސަފާރީގައި ދިގު ދަތުރެއް ކުރުމަށްފަހު މަސްތުވާތަކެތި ހިފައިގެން އދ. ބޮޑުކާށިހުރާއަށް ދިޔަ ކަމަށެވެ. ނަމަވެސް އެ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލުމަށް 11 ވަނަ ދުވަހު ކޯޓުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް