ޔާމީން މިނިވަންވީ ތަހުގީހުގައި ހުރި މައްސަލައަކުން، ވައްކަން ނުކުރާތީއެއް ނޫން: ރިޔާޒު

މޯލްޑިވްސް ނެޝަނަލްް ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ/ ނާއިލް ހުސައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވެވަޑައިގަތީ ވައްކަން ނުކުރާތީ ނޫން ކަމަށާއި އެއީ ތަހުގީގާއި ޝަރީއަތުގައި ހެދުނު ގޯސްތަކެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ މެދު ދެކުނު ރީޖަންގެ ނާއިބު ރައީސް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒް ވިދާޅުވީ ޔާމީންގެ އޮތީ އެންމެ މައްސަލައެއް ނޫން ކަމަށާއި ބައިވަރު މައްސަލަތައް އެބަހުރި ކަމަށެވެ. ރިޔާޒް ވިދާޅުވީ ތަހުގީގު ކުރާ މީހެއްގެ ހައިސިއްޔަތުން ބުނާނަމަ ޔާމީން މިނިވަންވީ "ޓެކްނިކާލިޓީ"އެއްގެ ސަބަބުން ކަމަށެވެ.

"އަދި އިތުރު މައްސަލަތަކެއް އެބަހުރި އެމަނިކުފާނުގެ، ޝަރީއަތުގެ މަރުހަލާގައި ވެސް، ތަހުގީގުގެ މަރުހަލާގަ ވެސް ކުރިއަށް އެބަދޭ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަނަކީ ނުހިނގާ މައްސަލައެއް ނޫން. ވަރަށް ބޮޑު ކަމެއް،" ރިޔާޒް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ނިންމުން ބަލައިލުމުން ތަހުގީގުގައި މިފަދަ ގޯސްތައް ހުރި މިންވަރާއި ޗެކުގެ ނަންބަރުގެ ވާހަކަ ފަދަ އެތައް ކަމެއް ހާމަވެގެންދާ ކަން ރިޔާޒް ފާހަގަކުރެއްވިއެވެ.

"ރައީސްކަމުގައި ހުންނެވި ބޭފުޅަކަށް އެ ބޭފުޅާއަށް ލިބިވަޑައިގަންނަވާ އާމްދަނީ ނޫން ފައިސާއެއް ވަތް ކަމާއި އަދި ގާނޫނު އަސާސީން ސީދާ މަނާކޮށްފައި އޮންނަ ކަމެއް ރައީސް ކަން ކުރައްވާ ބޭފުޅަށް، ވިޔަފާރިއަށް ސީދާ ފައިސާ އިންވެސްޓުކުރި ވާހަކައާއި މިފަދަ ވާހަކަތަކެއް މިހުރީ،" ރިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑަށް މާނަ ދޭހަވަނީ ޓެކްނިކާލިޓީ އަކުން ސަލާމަތްވީ ކަމަށް، އެއީ ވައްކަން ނުކޮށްގެން ނޫން ކަމަށް،"

ތަހުގީގީ އިދާރާތަކުގައްޔާއި އަދި ޝަރީއަތުގައި ވެސް މައްސަލަތަކެއް ހުރި ކަން ރިޔާޒް ފާހަގަކުރެއްވިއެވެ.

ރިޔާޒް ވިދާޅުވީ ޔާމީންގެ މައްސަލަތަކުގައި ދައުލަތުގެ ގިނަ ފައިސާތަކެއް ގެއްލިފައިވާ ކަމަށާއި އެކަމަށް އެމަނިކުފާނު ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

"ރައީސް ޔާމީން ނަންނަގަވައިފަ ނެތިއްޔާ، ކޮންމެ ބަޔަކު ނެގި ކަމުގައި ވިޔަސް، ރައީސް ޔާމީން ވެރިކަމުގައި ހުންނެވީ، އެހެންވީމަ ރައްޔިތުންނަށް މިއަށް ޖަވާބުދާރީ ވާން ޖެހޭނެ، ރައްޔިތުންނަށް އެނގެން ޖެހޭނެ މިކަންކަން" ރިޔާޒް ވިދާޅުވިއެވެ.

comment ކޮމެންޓް