ގައުމީ ޓީމުން މި ތަމްސީލް ކުރަނީ އާންމުން، ދިވެހީން އެދޭ ނަތީޖާ ނެރެދޭން ބޭނުންވޭ: ގައުމީ ޓީމުގެ ކޯޗު

ކޯޗު ފްރެންސެސްކޯ މޮރިއޭރޯ ނޫސްވެރިންނާއި ވާހަކަދައްކަވަނީ -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ތަމްސީލުކުރަނީ އާންމު ރައްޔިތުންކަމަށްވާއިރު، ދިވެހީން އެދޭ ނަތީޖާ ނެރެދޭން ބޭނުންވާ ކަމަށް މިދިޔަ އޮކްޓޯބަރު މަހު ގައުމީ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވި ފްރެންޗެސްކޯ މޮރިއެރޯ ބުނެފިއެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ ކަލްޗިއޯމެރްކާޓަށް ދާދި ފަހުން ދިން އިންޓަވިއުއްގައި ކޯޗު ބުނީ ރާއްޖޭގެ ބައެއް މީހުން އޭނާ ދިރިއުޅެނީ ރިސޯޓުގައި ކަމަށް ހީކުރި ނަމަވެސް އޭނާ ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށާއި ވަރަށް ގާތުން ރާއްޖޭގެ ފުޓުބޯޅައިގެ ކަންކަން ބަލާ ދިރާސާ ކުރަމުން ގެންދާ ކަމަށެވެ.

"އަހަރެމެން ތަމްސީލު ކުރަނީ އާއްމުން. އަހަރެން ވަރަށް މަސައްކަތް ކުރަން ނަތީޖާ ނެރެވޭތޯ. ދިވެހީން އެދޭ ނަތީޖާ ނެރެދޭން ބޭނުންވަނީ. ބައެއް މީހުންނަށް ހީވާކަހަލަ އަހަރެން އުޅެނީ ރިސޯޓުގައޭ. އެހެންނަމަވެސް އަހަރެން މިއުޅެނީ ވެރިކަންކުރާ ރަށް މާލޭގައި. އެއީ އިޓަލީ މީހުންނަށް އާންމުކޮށް ފެންނަ ރާއްޖެއެއް ނޫން. ވަރަށް އާދައިގެ ދިރިއުޅެމެއް އުޅެމުން މި އަންނަނީ،" ރޮނާލްޑޯ ނަޒާރިއޯއާއެކު އިންޓަމީލަނަށް ކުޅުނު މޮރިއެރޯ ބުންޏެވެ.

މޮރިއެރޯ ރާއްޖޭގައި ދިރިއުޅެމުން އަންނަނީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އޭނާ ކުރާ މަސައްކަތަކީ ގިނަ ބަޔެއްގެ އުއްމީދުތަކެއް ހާސިލްކުރުމުގެ ޒިންމާ ހަވާލުވެފައިވާ ކަމަކަށްވާއިރު ލަނޑުދަނޑިތަކަށް ވާސިލުކުރުމަށް މިންނެޓް މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރާއްޖޭގެ ފުޓުބޯޅައިގެ ޓްރެއިނިންގް ސެޝަންތަކަށް ދަން. ރަނގަޅު ކުޅުންތެރިން ހޯދަން ކުޅޭ އެކުވެރިކަމުގެ މެޗުތައް ބަލަން ވެސް ދަން. އަހަރެން ބޭނުންވަނީ ރާއްޖޭގެ ފުޓުބޯޅައަށް ކުރިއެރުން ހޯދައި ކާމިޔާބީތަކެއް ހޯދަން،" ކުރިން އިޓަލީގެ ލޭޗާއަށް ކުޅުނު މޮރިއެރޯ ބުންޏެވެ.

ދާދި ފަހުން މޮރިއެރޯއާއެކު ރާއްޖޭގެ ގައުމީ ޓީމު ވަނީ ސްރީލަންކާގައި އޮތް މަހިންދަ ރާޖަޕަކްސާގައި ކުޅެފައެވެ. އެމުބާރާތުގައި ރާއްޖޭގެ ޓީމަށް އެއްވެސް މެޗަކުން މޮޅު ނުވުމުން ޓީމުގެ ނަތީޖާތައް ގޯސްވި ނަމަވެސް ކެތްތެރިވުމަށް އެދޭ ކަމަށާއި، މިވަގުތު އޮތް ޓީމު ރަނގަޅު ކުރަން ވަގުތު ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

"ސަޕޯޓަރުން ގާތު އަހަރެން އެދޭ އެދުމަކީ މި ޓީމަށް ވަގުތު ދޭން. އަދި ޓީމާއެކު އަހަރެންނަށް މި ހޭދަވީ ކުޑަ ދުވަސްކޮޅެއް. ނަތީޖާއަށް އެކަނި ބަލަައިގެން ޓީމުގެ ބޮޑު މަންޒަރެއް ނޭނގޭނެ،" ބަންގްލަދޭޝްއާއި ރާއްޖެ ބައްދަލުކުރި މެޗަށްފަހު ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

ސަޕޯޓަރުންގެ މާޔޫސްކަމަށް ގައުމީ ކޯޗު ދިން ރައްދަކީ ޓީމާއެކު އޭނާއަށް ލިބިފައިވާ ވަގުތު މަދުވުމެވެ. ނަތީޖާތައް ނެރެން މި ޓީމަށާއި ކޯޗިންގް ޓީމަށް އަދި ފުރުސަތުދީ ކެތްތެރިވާންޖެހޭ ކަމަށް ކޯޗު ބުންޏެވެ.

ކޯޗެއްގެ ގޮތުގައި މޮރިއެރޯ 52، އެންމެ ފަހުން މަސައްކަތް ކުރީ އަލްބޭނިއާގެ ޑައިނަމޯ ޓިރަނާގައެވެ. ގައުމުން ބޭރުގައި އޭނާގެ ފުރަތަމަ ތަޖުރިބާ އަކީ އައިވަރީ ކޯސްޓްގެ ކްލަބް، އެފްރިކާ ސްޕޯޓްސްގައި ކުރި މަސައްކަތެވެ. އޭނާ ވަނީ އިޓަލީގެ ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަން ކަމަށްވާ، ސެރީ ބީ އަދި ސެރީ ސީގެ ކްލަބުތަކުގައި މަސައްކަތް ކޮށްފައެވެ. އަދި ސްވިޒަލެންޑްގެ ކްލަބު ލުގާނޯ އަށް ވެސް ކޯޗް ކޮށްދިނެވެ.

comment ކޮމެންޓް