އޮންލައިންކޮށް ބައިވެރިއަކު ހޯދުން ރަނގަޅުކަމަށް ގިނަ މީހުން ގަބޫލުކުރަނީ މި ސަބަބުތަކާ ހުރެ!

އޮންލައިންކޮށް ހަޔާތުގެ ބައިވެރިޔާ ހޯދައި ކައިވެނިކުރުމަކީ މިހާރު ކޮންމެ ގައުމެއްގައިވެސް ވަރަށް އާންމުވެފައިވާ ކަމެކެވެ. އެކި އެކި ސައިޓްތަކާއި ޕޭޖްތަކުގެ އެހީގައި އޮންލައިންކޮށް ބައިވެރިޔާ ހޯދުމުގެ ސަބަބުތަކެއް ހުންނާނެ ކަމާމެދު ޝައްކެއްނެތެވެ. މިކަން އާންމުވެ، ގިނަ ބަޔަކު މިކަމަށް އާއެކޭ ބުނާނީ މިކަމުގެ ސަބަބުން ފައިދާތަކެއް ލިބޭތީއެވެ.

އެކި ދިރާސާތަކުން ދައްކާ ގޮތުގައި އޮންލައިންކޮށް ބައިވެރިން ހޯދާ މީހުންގެ އަދަދު އެހެން އަހަރުތަކަށް ވުރެ މިއަހަރު ގިނައެވެ. ހާއްސަކޮށް ފުރަބަންދުގެ ދުވަސްވަރު އެ އަދަދު ވަރަށް ބޮޑަށް އިތުރުވި ކަމަށް، އެފަދަ ޕޭޖްތަކާއި ސައިޓުތައް ހިމަނައިގެން ކުރިއަށްގެންދިޔަ ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި މިކަން ކުރިއަރަމުން ގޮސްފައިވަނީ މިދިޔަ އަހަރުގެ މާޗުމަހުން ފެށިގެންނެވެ. އަދި މިކަން އެންމެ ގިނަ ކަމަށް ފާހަގަކުރެވިފައިވަނީ އެމެރިކާގެ ނިއުޔޯކުގައެވެ.

މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް އޮންލައިންކޮށް ބައިވެރިޔާ ހޯދުން އާންމުވެފައިވާއިރު އެކަމުން ލިބޭ ފައިދާތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ.

އެގޮތުން ބައްދަލުވުންތަކާއި އެކަހެރިވުންތަކުގެ ބަދަލުގައި އޮންލައިންކޮށް ވާހަކަ ދައްކައިގެން ބައިވެރިޔަކު އިހުތިޔާރުކުރާނަމަ އެއީ ކައިވެނީގެ އަޒުމުގައި ހުރި މީހެއް ނަމަ އެ އަމާޒަށް ވާސިލުވުމަށް ފަސޭހަވެގެންދާނެއެވެ.

އޮންލައިންކޮށް ބައިވެރިޔާ އިހުތިޔާރުކުރުމުގައި ދެން ލިބިދޭ ފަސޭހައަކީ ވާހަކަދެކެވުމުގައި މިނިވަންކަމާއެކު ވާހަކަދެކެވުމެވެ. ބަޔަކު ދިމާކޮށްފާނެތީ ބިރުގަނެ ހާސްވާކަށް ނުޖެހޭނެއެވެ. ދިމާވުމުން ލަދުގަތުމާއި ވާހަކަ ދައްކަން ނުކެރުމުގެ މައްސަލަ މިކަމުން ހައްލުވެ، ގިނަ ވާހަކަތަކެއް ދެއްކުމުގެ ފުރުސަތު ފަހިވެގެންދެއެވެ.

ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި އޮންލައިންކޮށް ބައިވެރިޔަކު އިހުތިޔާރު ކުރުމަކީ ހަރަދުކުޑަ ކަމެކެވެ. މަދު ބަޔަކު މިގޮތަށް ގަބޫލުކުރާ ސަބަބަކީ ކައިވެނީގެ ކުރިން އެކަކު އަނެކަކު ދިމާވެ އުޅުމަކީ ދެމީހުންނާ ގުޅުންހުރި ކޮންމެ މުނާސަބަތުތަކެއްވެސް ފާހަގަކޮށް، އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެކެވެ. އަދި ދިމާވެ ބައްދަލުވެ އުޅޭނަމަ އެކި ގޮތްގޮތުން ލޯބިވެރިޔާއަށް ހަރަދުތައް ކުރުމަށް މަގުފަހިކުރުވައެވެ. ނަމަވެސް ކައިވެންޏާ ހަމައަށް، އޮންލައިންކޮށް ބައިވެރިޔާއާ ވާހަކަދެކެވޭ ނަމަ، އެބުނާ ހަރަދުތަކުން ސަލާމަތްވެއެވެ.

comment ކޮމެންޓް