މީގެ ދިހަ އަހަރު ކުރިން، 2016 ވަނަ އަހަރު، އިނގިރޭސިވިލާތުގެ ކުޑަކުދިންގެ ކާނާ އުފައްދާ ކުންފުންޏެއް ކަމަށްވާ 'ކައު އެންޑް ގޭޓް' އިން ތަފާތު މަސައްކަތެއް ފެށިއެވެ. އެ ކުންފުނީގެ އަމާޒަކަށްވީ ކުޑަކުދިން ރުއިން ހުއްޓުވައި، އެ ކުދިންނަށް އުފާވެރިކަން ގެނެސްދޭނެ ލަވައެއް އުފެއްދުމެވެ. މި މަސައްކަތުގެ ނަތީޖާއަކަށްވީ، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މައިންބަފައިންނަށް ބޮޑު ލުޔެއް ހޯދައިދީފައިވާ "ދަ ހެޕީ ސޯންގް" އުފަންވުމެވެ. ދެ މިނެޓާއި ބައިގެ މި ލަވައަކީ ހަމައެކަނި މިއުޒިކެއް ނޫނެވެ؛ އެއީ ސައިންސާއި ނަފްސާނީ އިލްމުގެ މައްޗަށް ބިނާކޮށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ.
ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި މި ލަވަ ވަނީ ސްޕޮޓިފައިގައި 470 މިލިއަނަށް ވުރެ ގިނަ ފަހަރު ސްޓްރީމްކޮށްފައެވެ. މިއީ މަޝްހޫރު ބައެއް ލަވަތަކަށް ވުރެ ވެސް މަތީ އަދަދެކެވެ. މީގެ އިތުރުން، ޔޫޓިއުބްގައި 10 ގަޑިއިރަށް ދެމިގެންދާ ގޮތަށް ހަދާފައިވާ މި ލަވައިގެ ވީޑިއޯއަކަށް ވެސް 14 މިލިއަން ވިއުސް ލިބިފައިވެއެވެ. މި ލަވަ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ގްރެމީ އެވޯޑު ހާސިލުކޮށްފައިވާ މިއުޒީޝަން އިމޮޖެން ހީޕް މައުލޫމާތު ދިން ގޮތުގައި، މި ލަވައިން މިހާ ބޮޑު އާމްދަނީއެއް ލިބިދާނެ ކަމަށް އޭނާ ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ. އޭނާގެ މައިގަނޑު ބޭނުމަކަށްވީ ދަތުރުމަތީގައި ނުވަތަ އެ ނޫންވެސް ހާލަތްތަކުގައި ކުދިން ރޯތީ ކަންބޮޑުވެފައިވާ މައިންބަފައިންނަށް މަދު މިނެޓުކޮޅެއްގެ ލުޔެއް ހޯދައިދިނުމެވެ.
މި ލަވަ އުފެއްދުމަށްޓަކައި ކައު އެންޑް ގޭޓް އިން ހަވާލުކުރީ މިއުޒިކް ސައިކޮލޮޖިސްޓް ލޯރެން ސްޓެވާޓް އަދި ޗައިލްޑް ޑިވެލޮޕްމަންޓް ސައިކޮލޮޖިސްޓް ކެސްޕަރ އެޑިމަން އާއެވެ. މި ދެ ސައިންސްވެރިން ގުޅިގެން، ކުޑަކުދިން އެންމެ ގަޔާވާ އަޑުތައް ދެނެގަތުމަށްޓަކައި 2،000 އަށް ވުރެ ގިނަ މައިންބަފައިންނާ ސުވާލުކޮށް ދިރާސާއެއް ކުރިއެވެ. މި ދިރާސާއިން އެނގުނު ގޮތުގައި، ޖަނަވާރުން ގޮވާ އަޑުތަކާއި އެހެން ކުދިން ހޭ އަޑަކީ ތުއްތު ކުދިން ވަރަށް ބޮޑަށް ގަޔާވާ އަޑުތަކެކެވެ. މި މައުލޫމާތުތަކާއެކު، ސައިންސްވެރިން ވަނީ މިއުޒީޝަން ހީޕްއަށް އިރުޝާދުތަކެއް ދީފައެވެ. އޭގެ ތެރޭގައި މޭޖަރ ކީތައް ބޭނުންކުރުމާއި، އެއް ރާގެއް ތަކުރާރުކުރުމާއި، ކުދިން ސިއްސުވާލައި ޝައުގުވެރިކަން އުފެއްދުމަށްޓަކައި ޑްރަމް ރޯލް ފަދަ އުކުޅުތައް ބޭނުންކުރުން ހިމެނެއެވެ.
މީގެ އިތުރުން، މި ލަވަ ކިޔުމުގައި ބޭނުންކޮށްފައިވަނީ މައިންބަފައިން ތުއްތު ކުދިންނާ ވާހަކަދައްކާއިރު އާންމުކޮށް ބޭނުންކުރާ ރާގު ނުވަތަ "މަދަރީޒް" އެވެ. އެޑިމަން ފާހަގަކުރި ގޮތުގައި، މިގޮތަށް ލަވަ ކިޔުމުން އަކުރުތަކުގެ އަޑުތައް ވަކިވެ، ކުދިންނަށް ފަހުމްވާން ފަސޭހަވެއެވެ. އަދި އެ މުހާތަބުކުރަނީ ސީދާ އެ ކުދިންނާ ކަން ދެނެގަންނަން ވެސް ފަސޭހަވެއެވެ. ހަމައެއާއެކު، ލަވައިގެ ބަސްތައް އެކުލަވާލުމުގައި ތުއްތު ކުދިންނަށް ކިޔަން ފަސޭހަ އަކުރުތައް ކަމަށްވާ "ޕ" އަދި "ބ" ފަދަ އަޑުތައް ބޭނުންކުރުމަށް ސައިންސްވެރިން ލަފާދީފައިވެއެވެ.
ޔޫޓިއުބްގައި 10 ގަޑިއިރަށް ދެމިގެންދާ ގޮތަށް ހަދާފައިވާ މި ލަވައިގެ ވީޑިއޯއަކަށް ވެސް 14 މިލިއަން ވިއުސް ލިބިފައި --ލަވައިގެ މައިގަނޑު ރާގު އުފެއްދުމަށްފަހު، އެންމެ ރަނގަޅު ރާގެއް ކަނޑައެޅުމަށްޓަކައި އަމަލީ ގޮތުން ޓެސްޓުތަކެއް ކުރިއެވެ. ހީޕް އުފެއްދި ހަތަރު ރާގެއް، އުމުރުން 6 މަހާއި 12 މަހާ ދެމެދުގެ 26 ކުދިންނަށް އިއްވައިގެން ކުރި މި ޓެސްޓުގައި، ކުދިންގެ ހަރަކާތްތަކާއި މޫނުމަތީގެ ކުލަވަރަށް ބަލައިގެން ނަތީޖާ ނެރުނެވެ. އެޑިމަން ބުނި ގޮތުގައި، އޭގެ ތެރެއިން 80 އިންސައްތަ ކުދިންނަށް އެންމެ ކަމުދިޔައީ މިހާރުގެ "ދަ ހެޕީ ސޯންގް" ގެ މައިގަނޑު ރާގެވެ. މީގެ އިތުރުން، ލަވައިގެ ޓެމްޕޯ ނުވަތަ ސްޕީޑް ކަނޑައެޅުމުގައި ވެސް ހައިރާންކުރުވަނިވި ނަތީޖާއެއް ފެނުނެވެ. ފުރަތަމަ ސައިންސްވެރިން ލަފާކުރީ ކުޑަކުދިންގެ ހިތުގެ ވިންދު އަވަސްވާނެތީ، އަވަސް ޓެމްޕޯއެއްގެ ލަވައެއް ކުދިންނަށް ކަމުދާނެ ކަމަށެވެ. ނަމަވެސް ޓެސްޓުތަކުން ދެއްކި ގޮތުގައި ކުދިންނަށް އެންމެ ކަމުދިޔައީ ތަންކޮޅެއް ލަސް ޓެމްޕޯއެއްގައި ހުރި ވާޝަންއެވެ.
މި ލަވައަށް ދިރުން ގެނެސްދިނުމުގައި ހީޕްގެ އަމިއްލަ ތަޖުރިބާއާއި އޭނާގެ ދަރިފުޅު ސްކައުޓްގެ ދައުރު ވަރަށް ބޮޑެވެ. ލަވައިގެ ފެށުމުގައި އިވޭ ކުޑަކުއްޖެއްގެ ހިނިގަނޑުގެ އަޑަކީ ވެސް ސްކައުޓްގެ އަޑެވެ. އަދި ލަވައިގައި ކިޔާ ބައިސްކަލާއި، ސަބްމެރިންއާއި، ހެލިކޮޕްޓަރު ފަދަ އުޅަނދުފަހަރުގެ ނަންތަކަކީ އޭރު ސްކައުޓް އެންމެ ޝައުގުވެރިވި ތަކެތީގެ މައްޗަށް ބިނާކޮށް ހަދާފައިވާ ބަސްތަކެކެވެ. ހީޕް ފާހަގަކުރި ގޮތުގައި، ލަވައިގެ ބަސްތައް ހަދާފައިވަނީ ހަމައެކަނި ކުޑަކުދިންނަށް އަމާޒުކޮށެއް ނޫނެވެ.
މައިންބަފައިންނަށް ވެސް ފޫހިކަމެއް ނެތި އަޑުއަހާލެވޭނެ ފަދަ ގޮތަކަށް، އަދި މައިންބަފައިންގެ އިހުސާސްތައް ވެސް އެކުލެވޭ ގޮތަށް ބަސްތައް އަތުރާލުމަށް އޭނާ އިސްކަންދިނެވެ.
އެއްވެސް އިޝްތިހާރުކުރުމަކާ ނުލައި، ހަމައެކަނި މީހުންގެ ފަރާތުން މީހުންނަށް އެނގިގެން މި ލަވަ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައެވެ. މަތިންދާބޯޓެއްގައި ރޯން އިން ކުއްޖަކު މަސަލަސްކުރުމަށްޓަކައި ހީޕް އަމިއްލައަށް ވެސް މި ލަވަ ބޭނުންކޮށްފައިވެއެވެ. އަދި އެ ލަވަ އިވުމާއެކު ކުއްޖާގެ ރުއިން ހުއްޓި، އެ ކުއްޖާގެ ބައްޕައަށް ލިބުނު ހިތްހަމަޖެހުން އޭނާ ވަނީ ހިއްސާކޮށްފައެވެ. ސައިންސާއި މިއުޒިކްގެ މި ފުރިހަމަ ގުޅުމުން އުފަންވި "ދަ ހެޕީ ސޯންގް" އަކީ މިއަދު އެތައް މިލިއަން މައިންބަފައިންނެއްގެ އެންމެ ގާތް އެހީތެރިޔާއަށް ވަނީ ވެފައެވެ.