ލޯފަން މީހުންގެ ޝަކުވާތައް ރައީސް އަޑުއައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ، ލޯފަން މީހުންނާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ލޯފަން މީހުންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ޝަކުވާ އަޑު އައްސަވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ބައެއް ލޯފަން މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ އެހެނިހެން ކުދިންގެ ބެލެނިވެރިންގެ އިތުރުން، އެންސްޕާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ބައްދަލު ކުރެއްވުމުގައި އެމަނިކުފާނު ވަނީ ލޯފަން މީހުންނަށް ދަތިވާކަންކަމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ، ދިރިއުޅުމުގެ ހަރަދުތަކަށް ބަލާއިރު މިހާރު ދެމުންދާ އެލަވަންސް ކުޑަކަމަށާއި، އެކަމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވާކަމުގައެވެ.

މީގެ އިތުރުން އެ ފަރާތްކަށް، ފޯރުކޮށްދޭންޖެހޭ ފަރުވާއާއި، އިތުރު ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޯދުމުގައި ގޮންޖެހުންތަކެއް ހުރުމާއެކު، މާލީ އެހީތެރިކަން އިތުރުވެގެން ދިޔުމަކީ އެކަމަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި އެންސްޕާގެ ބޭފުޅުން މައުލޫމާތު ދެއްވިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވައިލުމާއި، އެ ދަފުތަރު ބެލެހެއްޓުމުގެ ގަވާއިދު ގެޒެޓް ކުރުމާގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރު ކަނޑައަޅައި "ޑިސްއެބިލިޓީ ސިވިއަރނަސް"އަށް ބަލައި އެލަވަންސް މުރާޖައާ ކުރުމުގެ މަޝްވަރާތައް ޖެންޑާ މިނިސްޓްރީއާއެކު އެންސްޕާއިން ކުރަމުންގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް، ވަނީ ބައްދަލުވުމުގެ ބައިވެރިން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް އެކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

comment ކޮމެންޓް