ޓެމްޕްލޭޓް ބޭނުންކޮށްގެން 45 ލޯފަންމީހުން މިނިވަންކަމާ އެކު ވޯޓުލީ

ލޯފަން މީހުންގެ ޖަމިއްޔާއިން މިއަދު މަޖިލީހުގައި -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

ލޯފަން މީހުނަށް މިނިވަންކަމާ އެކު ވޯޓު ލެވޭނެ މަގު ފަހިކޮށްދިނުމަށް ތައާރަފު ކުރި ޓެމްޕްލޭޓް ބޭނުން ކޮށްގެން، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 45 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

މި ޓެމްޕްލޭޓް ބޭނުން ކޮށްގެން ވޯޓުލާފައިވަނީ މާލޭ ސަރަހައްދުގެ އިތުރުން އދ. ހދ. އަދި ގދ. އަތޮޅުގައި އުޅޭ ލޯފަން މީހުނެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މީގެ ކުރިން ވިދާޅުވީ އެއީ ރާއްޖޭގައި ލޯފަން މީހުން އެންމެ ގިނަ ހިސާބުތައް ކަމަށެވެ.

ލޯފަން މީހުން އަމިއްލައަށް ވޯޓު ލުމަށް ބޭނުން ކުރި ޕްލާސްޓިކު ޓެމްޕްލޭޓަކީ ވޯޓު ކަރުދާހާ އެއްވަރަށް ހާޑް މެޓީރިއަލްއަކުން އެތެރެ ފެންނަ ގޮތައް ފަރުމާކޮށްފައިވާ ޓެމްޕްލޭޓެކެވެ. މި ޓެމްޕްލޭޓުގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ހެޔޮ ފާހަގަ ކަނޑާފައި ހުންނަ އިރު، އަތްލުމުން އިހުސާސްވާނެ ފަދައިން ކެންޑިޑޭޓު ނަންބަރު ވެސް ހިމަނާފައިވެއެވެ.

އެއީ، އޭގެ ތެރެއަށް ވޯޓު ކަރުދާސް ލައްވާ ލެވޭ، ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ބާއްވާ ލެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓެމްޕްލޭޓެކެވެ.

ލޯފަން މީހުން އަމިއްލައަށް ވޯޓުލުމަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަކީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް ޖަމިއްޔާގެ ފަރާތުން އިސްނަގައިގެން ކުރި މަސައްކަތުން ދީފައިވާ ލަފާގެ މައްޗަށް ބިނާކޮށް ހުށަހެޅި އިސްލާހެކެވެ.

ލޯފަން މީހުން އިންތިޚާބުތަކުގައިލާ ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭތީ، އެ ކަމަށް ފަސޭހަ ހައްލަކާ އެކު ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައެއް މެންބަރުން ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވެސް މީގެ ކުރިން ބައްދަލު ކޮށްފައެވެ.

ރާއްޖޭގައި ލޯފަން މީހުން މިނިވަންކަމާ އެކު އަލަށް ވޯޓު ލީއިރު، ލޯފަން މީހުން ވޯޓުލުމަށް ޓެމްޕްލޭޓެއް ބޭނުންކުރުމަކީ ބޭރު ގައުމުތަކުގައި ވެސް ބޭނުންކުރާ އުސޫލެކެވެ.

ލޯފަން މީހުން ލާވޯޓުގެ ސިއްރުކަން ކަށަވަރު ނުވުމަކީ މީގެ ކުރިން ވަރަށް ބޮޑަށް ދެކެވޭ ވާހަކައެކެވެ.

comment ކޮމެންޓް