ދައުރުން ބޭރު ޖަލްސާ އިދިކޮޅުން ބޮއިކޮޓްކޮށްފި، ބުނަނީ އެއީ ޖަރީމާއެއް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ދައުރުން ބޭރުން މާދަމާ ޖަލްސާ ބޮއިކޮޓް ކުރަން އިދިކޮޅުން ވަނީ ނިންމައިފައި --- ފައިލް ފޮޓޯ/ މަޖިލިސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ވަކިކުރަން އެމްޑީޕީން އެދިގެން ބާއްވާ ދައުރުން ބޭރު މަޖިލިސް ޖަލްސާ، އިދިކޮޅު މަޖިލިސް މެންބަރުން ބޮއިކޮޓް ކޮށްފިއެވެ.

ދައުރުން ބޭރު ޖަލްސާ މާދަމާ ހެނދުނު 10:00 ޖަހާއިރަށް ތާވަލުކޮށް، ޖަލްސާގެ އެޖެންޑާ މިހާރު ވަނީ އާންމުކޮށްފައެވެ. ޖަލްސާގެ ޖެންޑާގައި ވަނީ އޭސީސީގެ މެންބަރުން ވަކިކުރުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދަން ކޮމިޓީއަށް ރިޔާސަތުން ފޮނުވުމެވެ.

މިކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީސް މިދައުރުގެ މަސައްކަތްތައް ނިންމާ ޗުއްޓީގައިވަނިކޮށް ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބާއްވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަކިކުރުމަށް ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށެވެ.

މިއީ އިދިކޮޅު މަޖިލިސް މެންބަރުންނާ މަޝްވަރާ ކުރުމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށާއި މައިނޯރިޓީގެ ބަހެއް ނުހޯދާ ޖަލްސާ ބާއްވައިގެން މިފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ހިލާފު ކަމެއް ކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

"ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނީ މަޖިލިސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ މެމްބަރުން މާލެއިން ބޭރުގައިވަނިކޮށް އެ މެމްބަރުންނަށް ބައިވެރި ވުމުގެ ފުރުސަތުވެސް ނުލިބޭ ގޮތަށް އަދި މަޖިލީހުގައި އިދިކޮޅު ތަމްސީލުކުރާ މައިނޯރިޓީއާއި މަޝްވަރާވެސް ކުރުމެއްނެތި ކަން ފާހަގަކުރަމެވެ." އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނީ އެމްޑީޕީގެ މި އަމަލުން މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮތްކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމަށެވެ.

ހަމައެހެންމެ އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމަކީ އެ މުއްއަސަސާގެ ބާރު ކަނޑުވާލާ، ޑިމޮކްރެޓިކް ހަމަތަކަށް މިސަރުކާރުން އެއްވެސް ކަހަލަ އިޙްތިރާމެއް ނުކުރާކަމުގެ ވަރަށް ބޮޑު ހެއްކެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަ ކޮށްފައެވެ.

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ވަނީ މި ޖަލްސާ ބޮއިކޮޓް ކުރަން ނިންމައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގެ އިޖުރާއަތްތައް ފަށަން ފެނިއްޖެނަމަ މަޖިލީހުގެ ރިޔާސަތަށް ފުރަތަމަ ފޮނުވަން ޖެހެއެވެ.

އެއަށްފަހު އެ މަސައްކަތް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ ކަން އިއުލާނު ކުރުމުންނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަރުހަލާތައް ފަށަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ފާސްކޮށްފައެވެ.

އެ ކޮމިޓީން އެގޮތަށް ފާސްކުރީ، އޭސީސީގެ މަސައްކަތް ބޭނުންވާ ސްޕީޑުގައި ކުރިއަށް ނުދާކަން ފާހަގަކޮށް، ކޮމިޓީއަށް ފެންނަ ނަމަ އޭސީސީގެ މެންބަރުން މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަށަން މިދިޔަ ނޮވެމްބަރު މަހު ނިންމި ފަހުންނެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމުގައި އެ ކޮމިޝަނުގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ކަންކަމަށް ރިއާޔަތްކުރާނެއެވެ. އެ ކޮމިޝަނަށް ހުށަހެޅިފައިވާ 16،000އަށްވުރެ ގިނަ މައްސަލަ ނުބެލި ހުރިކަން އޮޑިޓުން ވަނީ ފާހަގަވެފައެވެ.

comment ކޮމެންޓް