އަޑުބަރޭގެ އިސްތިއުނާފް ބަލައެއް ނުގަތް، ގައުމީ ޓީމުގެ ހަ މެޗަށް ސަސްޕެންޑު!

''ދުޅަހެޔޮ ހަށިހެޔޮ އީދު 2018'' ކުޅިވަރު ފެސްޓިވަލްގައި ބައިވެރިވާ ސިޔާސީ ބޭފުޅުންގެ ފުޓުބޯޅަ މެޗަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޖާޒީ ހަވާލުކުރުމާއި ފަރިތަކުރުމުގެ ތެރެއިން އަޑުބަރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަހިންދަ ރާޖަޕަކަސަ އިންވިޓޭޝަނަލް މުބާރާތުގައި ރާއްޖެއާއި ސީޝެލްސް ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިއަކަށް ދިން ހަމަލާއާ ގުޅިގެން އަސްހަދު އަލީ (އަޑުބަރޭ)އާ މެދު ފިޔަވަޅު އެޅި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަންނަން ނިންމައިފިއެވެ.

އެފެއޭމުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މެޗުގައި އަޑުބަރޭ ބޯޅަ ނެތީސް ސީޝެލްސްގެ ކުޅުންތެރިއަކަށް ހަމަލާދީ ކުޅިވަރުގެ ރޫހާ ހިލާފު އަމަލެއް ހިންގާފައިވާތީ، އެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީން ބަލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް އައްސަދު އަލީއަށް ލިބިދީފައިވާ ހައްގުގެ ދަށުން، އިސްތިއުނާފަށް ހުށަހެޅުމުން އެ އެސޯސިއޭޝަނުން އެ މައްސަލަ ބަލައި ނުގަތް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެފްއޭއެމްގެ އިސްތިއުނާފު ކޮމެޓީން މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ، އެފްއޭއެމް ޑިސިޕްލިނަރީ ކޮމެޓީން ނިންމާފައިވާގޮތުގެ މަތީން، 12000 ރުފިޔާގެ ޖޫރި މަނާ ދެމެހެއްޓުމަށެވެ. އެއާއެކު އައްސަދު އަލީ އެ އަމަލު ހިންގާފައިވަނީ ގައުމީ ޓީމު ތަމްސީލުކުރި މެޗެއްގައި ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށްވާތީ، ސަސްޕެންޑް ކުރެވިފައިވާ ހަ މެޗަކީ، ގައުމީ ޓީމު ތަމްސީލު ކުރާ ހަ މެޗު ކަމަށެވެ.

ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ރާއްޖެއިން ލަންކާގެ މުބާރާތް ނިންމާލަން ޖެހުނު އިރު، މުޅި މުބާރާތުގެ ބައްޔެއް ވުރެން ގިނަ ބަޔަކު ނުރުހުނު ކަމަކީ ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުވަގުތުގައި އަޑުބަރޭ އިދިކޮޅު ޓީމުގެ ކުޅުންތެރިޔާއަށް ކުރި ފައުލާ ގުޅިގެންނެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކުޅެން ނުކުން އަޑުބަރޭ ވަނީ ކުޅެން ނުކުތްތާ 30 ސިކުންތުގެ ތެރޭގައި ރަތް ކާޑެއް ހޯދައިފައެވެ.

އެފްއޭއެމްގެ ޑިސިޕިލިނަރީ ކޮމިޓީގެ ނިންމުމުގައި ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީގެ ކަރުމަތީގައި އަސްހަދު ޖަހާފައި ވަނީ "ފްރަސްޓޭޓް" ވެގެން ކަމަށް ދިފާއުގައި އަސްހަދު ބުނެފައިވާ ކަމަށެވެ. ޑިސޕްލިނަރީ ކޮމިޓީން ބުނީ އެއީ ދިފާއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އަސްހަދުގެ މި އަމަލާ ގުޅިގެން އޭނާއަށް ދެން ގައުމީ ޓީމުން ފުރުސަތު ދެވިގެން ނުވާނެ ކަމަށް ގިނަބަޔަކު ބުނެފައިވާއިރު، ގައުމީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަން އެ ޓީމުގެ ކޯޗު ފްރެންޗިސްކޯ މޮރިއޭރޯ ވަނީ ހާމަކޮށްފައެވެ.

އަސްހަދަކީ މީގެ ކުރިން ވެސް އަހުލާގީ މައްސަލަތައް ގިނަ ކުޅުންތެރިއެކެވެ. އެގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މެލޭޝިއާ އަށް ގައުމީ ޓީމު ފުރަން ގޮސް ތިއްބާ ކިޓް މެނޭޖަރު ހަސަން ނިޒާރު މުހައްމަދު (ލައްޓި ބޮޑޭ) ގެ ޕާސްޕޯޓް ފޮރުވި މައްސަލައިގައި އޭނާ، ރާއްޖެ ތަށި ނެގި އެ މުބާރާތުގައި ވާދަކުރި ގައުމީ ޓީމުން ސަސްޕެންޑްކުރި އެވެ.

އޭގެ ފަހުން ސިޔާސީ ހަރަކާތްތަކެއްގެ ތެރެއިން ފުލުހުން އޭނާ ދެ ފަހަރެއްގެ މަތިން ހައްޔަރުކުރި އެވެ. އެއާ އެކު ކްލަބް ލެވެލްގެ ބައެއް މެޗުތައް ގެއްލުނެވެ.

ނޯޓް: މި ޚަބަރުގައި މީގެކުރިން ވަގުތު އޮންލައިންގެ ފޮޓޯއެއް ހިމެނިފައި ވަނީ އޮޅުމަކުންނެވެ. އެކަމަށްޓަކައި މައާފަށް އެދެމެވެ.

comment ކޮމެންޓް