މި ފުޓުބޯޅަ ސީޒަނުގެ ދިވެހި އެފްއޭ ކަޕުގައި ބައިވެރިވާން ބޭނުންވާ ކުލަބުތަކަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ ފުރުސަތު ހުޅުވާލައިފިއެވެ.
މުބާރާތް ފަށަން ތާވަލުކޮށްފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 12ވަނަ ދުވަހު ކަމަށް އެފްއޭއެމުން ބުނެއެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކުލަބު ޖަމިއްޔާ ޖަމާއަތްތަކަށް ކަމަށް އެފްއޭއެމުން ބުނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް ޚާއްސަ ފޯމު ފުރިހަމަކުރުމަށްފަހު ޑިސެމްބަރު އެއްވަނަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެފްއޭއެމުން އެދިފައިވެއެވެ.
މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ޓީމުތައް އެނގުމުން، މުބާރަތާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރާނެކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
މިދިޔަ ސީޒަނުގެ އެފްއޭ ކަޕުގައި ފުރަތަމަ ޑިވިޝަނުގެ ހަތް ކުލަބަކާއި ތިންވަނަ ޑިވިޝަނުގެ ކުލަބެއް ހިމެނޭހެން ޖުމްލަ އަށް ކުލަބަކުން ބައިވެރިވެފައިވެއެވެ. ތިންވަނަ ޑިވިޝަނުން މުބާރާތުގައި ވާދަކުރީ ބްލޫ ސްޕޯޓްސް ކުލަބެވެ.
މިދިޔަ އަހަރުގެ އެފްއޭ ކަޕުގެ ޗެމްޕިއަންކަން، ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބް ބަލިކުރުމަށްފަހު ހޯދާފައިވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުންނެވެ. އެއީ ނިއުރޭޑިއަންޓުން މުބާރާތް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ.
މިދިޔަ ސީޒަނުގައި އެފްއޭ ކަޕް ބާއްވާފައި ވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
އޭގެ ކުރިން މި މުބާރާތް އެންމެފަހުން ބޭއްވީ 2020 ވަނަ އަހަރުއެވެ. އޭރު ދުނިޔެއަށް ކުރިމަތިވެފައި އޮތް ކޮވިޑް-19 ގެ އާލަމީ ވަބާގެ ސަބަބުން، އެފަހަރުގެ މުބާރާތް ޖެހުނީ ސެމީ ފައިނަލާ ހަމައިން ނިންމާލާށެވެ.
މި މުބާރާތް އެންމެފުރަތަމަ ބާއްވާފައި ވަނީ 1988 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މިފަހަރުގެ މުބާރާތުގައި ފެނިގެންނުދާ، ކުލަބް ވެލެންސިއާއެވެ.