ޖޫރިމަނާގެ ގޮތުގައި ނޮވެމްބަރުގެ ނިޔަލަށް 174 މިލިއަން ރުފިޔާ ލިބިއްޖެ

ޓްރެފިކް ފުލުހުން މަގުމަތި ބަލަހައްޓަނީ-- ސަން ފޮޓޯ

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ހުސްވި ނޮވެމްބަރު މަހުގެ ނިޔަލަށް މިއަހަރު އެކިއެކި ޖޫރިމަނާގެ ގޮތުގައި 174 މިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ ޖެނުއަރީއިން ނޮވެމްބަރުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަށްވުރެ 53 ޕަސެންޓް އިތުރު އަދަދެކެވެ.

އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ލިބުނީ 113.7 މިލިއަން ރުފިޔާ އެވެ.

ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ފިޔަވައި އިތުރު ތަފްސީލެއް މީރާގެ ރިޕޯޓުގައި ހާމަކޮށްފައި ނުވެއެވެ.

މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.8 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ އޭޕްރީލް އަށްވަނަ ދުވަހާ ހަމައަށް އެކަނިވެސް ޖޫރިމަނާގެ ގޮތުގައި 42 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

މިއަހަރުގެ ޖެނުއަރީއިން ނޮވެމްބަރު މަހުގެ ނިޔަލަށް މީރާއަށް ޖުމުލަ 13.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބުނު 10.6 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން ގޮތްގޮތަށް ލިބުނު ތިން ބިލިއަން ރުފިޔާއެވެ.

comment ކޮމެންޓް