ބަންގްލަދޭޝްގެ ކުޅުންތެރިޔާ ބަލިކޮށް އީޝަލް ތާރީހުގެ ތެރެއަށް

އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ރާއްޖެ ތަމްސީލް ކުރާ އީޝަލް --- ފޮޓޯ// އޭޝިއަން ޔޫތު ޕެރަ ގޭމްސް

ބަހްރޭނުގައި މިހާރު ކުރިއަށްދާ އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ބަންގްލަދޭޝްގެ ޝޯރމީ މޮޒުމްދާރ ބަލިކޮށް ރާއްޖޭގެ ހައްވާ އީޝަލް ރިޔާޒް ޕެރަ މުބާރާތެއްގެ ބެޑްމިންޓަން އިވެންޓަކުން ފުރަތަމަ ފަހަރަށް މޮޅެއް ހޯދުމުގެ ޝަރަފު ހޯދައިފިއެވެ.

އޭޝިއަން ޔޫތު ޕެރަ ގޭމްސްގެ ހަތަރުވަނަ ގޭމްސް މި މަހުގެ ދެވަނަ ދުވަހު ފެށި އިރު، އެ ގޭމްސް ނިމޭނީ މާދަމާއެވެ. މި ގޭމްސްގައި 23 އަހަރުން ދަށުގެ 800 އަށް ވުރެން ގިނަ އެތުލީޓުން ބައިވެރިވެއެވެ.

މި ގޭމްސްގައި ރާއްޖެ ތަމްސީލް ކުރާ އީޝަލް ކުޅުނު ތިންވަނަ ބެޑްމިންޓަން މެޗުން މިއަދު މޮޅުވެފައިވަނީ ބަންގްލަދޭޝްގެ ޝޯރމީ މޮޒުމްދާރ އާ ވާދަކޮށެވެ. މި މެޗުގެ ސެޓުތައް އީޝަލް ގެންދިޔައީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު 21-18 އިން އީޝަލް ކާމިޔާބުކުރި އިރު، ދެވަނަ ސެޓުން އޭނާ ކުރި ހޯދީ 21-13 އިންނެވެ.

މިފަހަރުގެ މި މުބާރާތަކީ ބައިނަލް އަގުވާމީ ޕެރަ މުބާރާތެއްގައި ރާއްޖޭގެ އަންހެން އެތުލީޓަކު ބެޑްމިންޓަން އިވެންޓެއްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. މި ފުރުސަތަކީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނާއި، މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ކުރާ މަސައްކަތްތަކުގެ ތެރެއިން ހޯދި ފުރުސަތެކެވެ.

ތާޖުއްދީން ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން އަންނަ އީޝަލްއަކީ ބެޑްމިންޓަންގެ ކުރިން ހޭންޑްބޯލްވެސް ކުޅުނު ކުއްޖެކެވެ. ދެ އަހަރު ދުވަސްވަންދެން ހޭންޑް ބޯލް ކުޅުމަށްފަހު، ބެޑްމިންޓަންގެ ތެރެއަށް ވަނީ 2019ވަނަ އަހަރު، ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް އަމާޒްކޮށްގެން ކުރިއަށްގެންދިޔަ ޝަޓަރ ޓައިމްގައި ބައިވެރިވެގެންނެވެ.

އޭޝިއަން ޔޫތު ޕެރަ ގޭމްސް އެންމެ ފަހުން 2017 ވަނަ އަހަރު ބާއްވާފައި ވަނީ ދުބާއީގައެވެ. އެފަހަރުގެ ގޭމްސްގައި 30 ގައުމަކުން 800 އަށް ވުރެން ގިނަ އެތުލީޓުން ބައިވެރިވި އިރު، 43 ރަން މެޑައްޔާއެކު އެއްވަނަ ހޯދީ ޖަޕާނުންނެވެ. ޖަޕާނުން އެފަހަރުގެ ގޭމްސްގައި ޖުމުލަ 98 މެޑަލް ވަނީ ހޯދައިފައެވެ. ދެވަނަ ހޯދި ޗައިނާއިން ޖުމުލަ 39 މެޑަލް ހޯދި އިރު، އެ ގައުމުން ވަނީ 27 ރަން މެޑަލް ހޯދައިފައެވެ.

comment ކޮމެންޓް