އަންނަ ޑިސެމްބަރު މަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026" ގެ ރަސްމީ މެޑަލް، އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ސުރޭޝް ރައިނާ އިފްތިތާހުކޮށްދީ ދައްކާލައިފިއެވެ.
ބައިނަލްއަގްވާމީ ކުޅިވަރުގެ ދުނިޔޭގައި މަގުބޫލު ޝަޚުސިއްޔަތެއް ކަމަށްވާ ރައިނާ މި މުބާރާތުގެ މެޑަލް ދައްކާލުމަކީ ރާއްޖޭގައި ބާއްވާ މި ބައިނަލްއަގްވާމީ ޖޫނިއާ ބެޑްމިންޓަން މުބާރާތަށް ލިބިގެންދިޔަ އިތުރު ޝަރަފަކާއި ކުރިއެރުމެކެވެ. ރައިނާގެ ސޯޝަލް މީޑިއާގެ ސްޓޯރީގައި އޭނާ ވަނީ އެކަން ހާމަކޮށްފައެވެ.
"ދަ ބެޑްމިންޓަން ކްލަބް" އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ދެވަނަ އެޑިޝަން ކުރިއަށްދާނީ އަންނަ ޑިސެމްބަރު މަހުގެ 13 އިން 19 އަށް މާލޭގެ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައެވެ.
މޯލްޑިވްސް ޖޫނިއާ އޯޕަން 2026 ގެ މެޑަލްތައް ހާމަކޮށްދިނުމަށް ރައިނާ ކުރި ޕޯސްޓު-- މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގު އެވެ. މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ދިވެހި ޒުވާން އެތުލީޓުންގެ މެދުގައި ބެޑްމިންޓަންގެ ފޯރި އިތުރުކޮށް، އަމިއްލަ ގައުމުގައި ތިބެގެން ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތެއްގައި ވާދަކުރުމުގެ ފަހި ފުރުސަތު ހޯދައިދިނުމާއެކު ކުޅުންތެރިންގެ ހުނަރާއި ތަޖުރިބާ އިތުރުކުރުން ކަމަށް ދަ ބެޑްމިންޓަން ކުލަބުން މައުލޫމާތުދެއެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މި މަހުގެ 25 ވަނަ ދުވަހަށް ހަމަވާއިރު، މިހާތަނަށް 8 ގައުމެއްގެ ވަކިވަކި ކުޅުންތެރިންނާއި ބެޑްމިންޓަން ކްލަބްތަކުގެ އިތުރުން އެކަޑަމީތަކުން ވަނީ މުބާރާތުގައި ވާދަކުރުމަށް އެންޓްރީ ހުށަހަޅާފައެވެ.
މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ދިވެހިރާއްޖެ، ގަތަރު، އިންޑިއާ، ސްރީލަންކާ، ބަހްރެއިން، އަރުމީނިއާ، ނޭޕާލް އަދި ބަންގްލަދޭޝް އެވެ. ޖޫނިއާ އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ސަބަބުން، ބޭރު ގައުމުތަކުގެ ކުޅުންތެރިންނާ ވާދަކޮށް، ތަފާތު ކުޅުމުގެ ވައްޓަފާޅިތައް ދަސްކުރުމުގެ އިތުރުން ބައިނަލްއަގްވާމީ ގުޅުންތަކާއި ރަހުމަތްތެރިކަން ބަދަހިކުރުމުގެ ފުރުސަތު ދިވެހި ޒުވާން ކުޅުންތެރިންނަށް ލިބިގެންދާނެއެވެ.
މިދިޔަ އަހަރު ބޭއްވި ޖޫނިއާ އޯޕަން މުބާރާތުގެ ތެރެއިން-- މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 އިން 6 އަށް މާލޭގައި ބޭއްވި "ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025" އަކީ ރާއްޖޭގައި އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ބައިނަލްއަގްވާމީ ޖޫނިއާ ބެޑްމިންޓަން މުބާރާތުގެ ގޮތުގައި ތާރީޚުގެ ތެރެއަށް ވަދެފައިވާ މުބާރާތެކެވެ.
ބޮޑު ކާމިޔާބީއަކާއެކު ނިމިގެންދިޔަ ފުރަތަމަ އެޑިޝަންގައި 7 ގައުމަކުން ޖުމްލަ 347 ކުޅުންތެރިން ބައިވެރިވެ، ޖޫނިއާ އެކި އުމުރުފުރާތަކުގައި 735 މެޗު ކުޅެފައިވެއެވެ. އެ މުބާރާތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު، ރިވައިވަލް އޭދަފުށިން 59 ކުޅުންތެރިން، އަޖްފާން އިންޓަނޭޝަނަލް އެކަޑަމީން 30 އަށްވުރެ ގިނަ ކުޅުންތެރިން، ނައިފަރުން 25 އަށްވުރެ ގިނަ ކުޅުންތެރިން، އައްޑޫ ސިޓީން 20 އަށްވުރެ ގިނަ ކުޅުންތެރިން އަދި އަފާން އާއި އެމް ސްޕޯޓްސް ފަދަ އެހެނިހެން އެކަޑަމީތަކުން 15 އަށްވުރެ ގިނަ ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ.
މީގެ އިތުރުން ބޭރުގެ 30 އަށްވުރެ ގިނަ ކުޅުންތެރިން މުބާރާތުގައި ވާދަކުރުމަށް ރާއްޖެ އައިސްފައިވާއިރު، މެޗުތަކުގައި އިންސާފުކުރުމަށް ބައިނަލްއަގްވާމީ 4 އަމްޕަޔަރުންވެސް ވަނީ ބައިވެރިވެފައެވެ.
"ދަ ބެޑްމިންޓަން ކްލަބް" އިން އުއްމީދުކުރަނީ ފުރަތަމަ މުބާރާތުން ލިބުނު ކާމިޔާބީގެ މައްޗަށް ބިނާކޮށް، މިއަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހު ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ އެޑިޝަންގައި މިއަށްވުރެވެސް ގިނަ ބައިނަލްއަގްވާމީ ކުޅުންތެރިން ބައިވެރިވާނެ ކަމަށެވެ.
ސްޕޮންސަރުންނާއި، ޕާޓްނަރުންނާއި، ބައިވެރިވާ އެކަޑަމީތަކާއި، ކޯޗުން އަދި ބެލެނިވެރިންގެ އެހީތެރިކަމާއެކު، މި މުބާރާތަކީ ބައިނަލްއަގްވާމީ ޖޫނިއާ ބެޑްމިންޓަން ކަލަންޑަރުގައި ފާހަގަކޮށްލެވޭ، ކޮންމެ އަހަރަކުވެސް ދެމެހެއްޓެނިވި ގޮތެއްގައި ބާއްވާ މުހިންމު މުބާރާތަކަށް ހެދުމަކީ އިންތިޒާމުކުރާ ފަރާތުގެ އެންމެ ބޮޑު އަމާޒެވެ.