އަންހެނެއްގެ ކަންފަތް މަތީގައި ޖެހި ފިރިހެނަކު އެއް މަހާއި 24 ދުވަހަށް ޖަލަށް

ޖޫން 29، 2020: މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: އަންހެނެއްގެ ކަންފަތްމަތީގައި ޖެހި މީހަކު ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންހެނެއްގެ ކަންފަތްމަތީގައި ޖެހި ކަމަށް އިއުތިރާފްވި ފިރިހެނަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އިރުއޮއްސި 6:30 ހާއިރު, ތިނަދޫގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑް ކައިރީގައެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލީ ގދ. ތިނަދޫ ޓެއިލަރު, މުހައްމަދު އަބްދުاللهގެ މައްޗަށެވެ. އޭނާއާ ދެކޮޅަށް ދައުލަތުން އުފުލީ އަނިޔާއެއް ދިނުމުގެ ދައުވާއެވެ.

ދައުވާގައި ބުނެފައިވާ ގޮތުން, ޕެޓްރޯލް ޝެޑް ކައިރީގައި އަންހެނަކު ހުއްޓައި އޭނާއާ ޒުވާބުކޮށް ވާއަތްފަރާތު ކަންފަތްމަތީގައި ޖެހުމުގެ ސަބަބުން އޭނާގެ މޫނަށް އަނިޔާވެފައިއެވެ. އެކަން އަންހެން މީހާގެ މެޑިކޯ ރިޕޯޓުން އެނގެން އޮތް ކަމަށް ދައުވާގައި ބުނެފައިވެއެވެ.

ދައުވާއަށް މުހައްމަދު ވަނީ އިއުތިރާފްވެފައެވެ. އެހެން ކަމުން ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމުން އެއްބައި އުނިކޮށް, އޭނާގެ މައްޗަށް އަންނަނީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ޖޫރިމަނާ އަށް ބަދަލު ކޮށްދިނުމަށް އެދުނު ނަމަވެސް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އިއްވާފައިވަނީ ޖަލު ހުކުމެކެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުން ޖޫރިމަނާކުރި ނަމަ ދައްކަން ޖެހޭނީ 10,800 ރުފިޔާއެވެ. އެ ފައިސާ ދެއްކޭނެ ކަމުގެ މާލީ ގާބިލުކަން ހުރިކަމުގެ ލިޔުންތައް ވެސް މުހައްމަދު ކޯޓަށް ހުށަހެޅިއެވެ.

ނަމަވެސް ޖޫރިމަނާގެ ބަދަލުގައި ޖަލު ހުކުމް އިއްވާފައިވަނީ, އެކަމުގެ ސަބަބުން އެފަދަ ހުތުރު އަމަލު ހިންގުމަށް އެހެން މީހުންނަށް ހިތްވަރު ލިބުމުގެ ފުރުސަތު އޮތުމުން ކަމަށް ހުކުމުގައިވަނީ ބުނެފައެވެ.

ދެވަނަ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ, އޭނާ ޖުރުމަނާކޮށްފިނަމަ ކުށުގެ އަދަބު ލިބުނުކަން ހަގީގީ މާނައިގައި އިހްސާސް ކުރެވޭނެ ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

މީގެ އިތުރުން ދިވެހި މުޖުތަމައުގައި އަންހެނުންނަކީ އިހްތިރާމާއި ގަދަރާއި ރައްކާތެރިކަން ލިބިގެންވާ ބައެއް ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިއެވެ.

އެހެން ކަމުން ދައުލަތުން އުފުލި އަނިޔާއެއް ދިނުމުގެ ދައުވާ, އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުވާތީ އެއް މަހާއި 24 ދުވަހަށް މުހައްމަދު ޖަލަށްލުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް