ކުޅުދުއްފުށީ މެސްކޮޓް ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު މިލިއަން ރުފިޔާގެ ގެއްލުން

ކުޅުދުއްފުށީ، މެސްކޮޓް ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާ --

ހދ. ކުޅުދުއްފުށީގައި ހުންނަ "މެސްކޮޓް ގަރާޖް"ގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ގަރާޖުގެ ވެރިފަރާތަށް ހަތަރު މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެއެވެ.

ގަރާޖުގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔާ ސްޓޭޝަނަށް ލިބުނީ ރޭ މެންދަމުން އަލިވެ، 02:48 ހާއިރުއެވެ.

ސިފައިންނާއި އާއްމުން ގުޅިގެން ކުރި މަސައްކަތުން އެ އަލިފާންގަނޑު ނިއްވާލީ ރޭ 03:45 ހާއިރުއެވެ.

އަލިފާން ނިއްވާލިފަހުން ވެސް ގަރާޖުން ދުން އަރާތީ މިއަދު ހެނދުނު 06:30 ހާއިރު ވެސް ވަނީ އެ ސަރަހައްދަށް ސިފައިން ގޮސް އެތަނަށް ފެން ޖަހާ ދުންގަނޑު ކޮންޓްރޯލް ކޮށްފައެވެ.

މެސްކޮޓް ގަރާޖުގެ ވެރިފަރާތް ކަމުގައިވާ ކުޅުދުއްފުށީ މެސްކޮޓް، ހަސަން އަލީ، 58، "ސަން"އަށް މައުލޫމާތު ދެމުން ބުނީ އަލިފާނުގެ ހާދިސާ ހިނގި ގަރާޖާ އިންވެގެން ހުންނާނީ ސައިކަލް ސްޕެއާ ވިއްކާ ފިހާރައަކާއި ދޮވެސާފުކުރާ ތަނެއް ކަމަށެވެ.

ކުޅުދުއްފުށީ، މެސްކޮޓް ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާ --

"އެތަނުގަ އިންނާނީ ސްޕެއާ ޕާޓް ވިއްކާ ފިހާރައެއް. އެތަނުގެ އެއްފަރާތުގަ އިންނާނީ ދޮވެ ސާފުކުރާ ތަނެއް. އަނެއް ފަރާތުގަ ރިޕެއާ ކުރެވެން ހުންނާނެ. އެގޮތަށް ތިން ބަޔަށް އިންނާނީ. އެތެރޭގަ ހުންނާނީ ހޮންޑާ ސައިކަލާ ޔަމަހާ ސައިކަލްގެ ޖެނުއިން ސްޕެއާ ޕާޓްސް. އޭގެ ތެރޭގައި ސައިކަލަށް ބޭނުންވާ އިންޖީނުގެ ސްޕެއާ ޕާޓްސްތައް. ކަވަރުސެޓާ މަޑިއާ ޓަޔަރާ އެތެރެހަމާ އެހެން ދެން ކިޔާނެ ކަމެއް ނެތް. ސްޕެއާގެ ހުރިހާ ވައްތަރެއް ހުންނާނެ،" ހަސަން ބުންޏެވެ.

ހަސަން ބުނީ އަލިފާނުގެ ހާދިސާގައި އެތަނުގެ ދެ ބައެއް އެއްކޮށް އަނދާ އަޅިއަށް ވެފައިވާ ކަމަށެވެ.

"އަޅުގަނޑަށް މި ލިބުނު ގެއްލުން ހަތަރު މިލިއަނަށް އަރާނެ،" ހަސަން ބުންޏެވެ.

ހަސަންގެ ދިރިއުޅުން އެފުށްމިފުށަށް

މެސްކޮޓް ގަރާޖަކީ ހަސަންގެ ޖީބަށް ފައިސާ ވަންނަން އޮތް ހަމައެކަނި ވަސީލަތެވެ. ރޭ ހިނގި އަލިފާނުގެ މި ހާދިސާގައި އަނދާ އަޅިއަށް ވެގެން އެ ދިޔައީ މުޅި ދިރިއުޅުން ކަމުގައި އޭނާ ސިފަކުރިއެވެ.

ހަސަން ބުނި ގޮތުގައި މި އަލިފާނުގެ ހާދިސާގައި އޭނާ މުޅިން ހަފުސްވެ، ބަރުބާދު ވެއްޖެއެވެ. ދިރިއުޅުން މި ހިނދަށް އެފުށްމިފުށަށް ޖެހި ބޯ ހާސް ވެއްޖެއެވެ. ދުނިޔެއިން ބޭކާރުވެ، ހަތަރު އުދަރެސް ފެނުޖެހިއްޖެއެވެ.

ކުޅުދުއްފުށީ، މެސްކޮޓް ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު، ފާތުތައް ބިމާ ހަމަވެފައި --

"ގޭގައި އިތުރު ކޮޓަރިތައް ހަދަން ވެގެން ގެ ވެސް ތަޅާލި ވަގުތު މިކަން މި ދިމާވީ. އެގޮތަށް ރާވާފަ އޮތް ކަމެއް މިއީ. މި މަސައްކަތް ފެށިތާ އަދި މިވީ އެންމެ ހަފްތާއެއް. އެހެންވީމަ މިހާރު މިހުރީ އެއްކަލަ ބަލިފައި މައްޗަށް ފޮއެ ވެއްޓިފަ. އެތަން ނުހެދެނީސް ދެނެއް ނެތް އަޅުގަނޑަށް އެއްޗެއް ލިބޭނެ އެއްވެސް ކޮޅެއް. ދޮންނަން ގެންގުޅޭ ޕަންޕެއް ނެތް. ރެންޗެއް ނެތް. ގެންގުޅޭ އެއްވެސް ޓޫލް އެއް ނެތް. އަޅުގަނޑު މުޅިން ހަފުސް ވެއްޖެ،" ހަސަން ބުންޏެވެ.

ހަސަން ބުނީ ގަރާޖުގައި އަލިފާނުގެ ހާދިސާ ހިނގީ ބަންދު ވަގުތަކު ކަމުން، އެއިރު އެތަނުގެ ތެރޭގައި އެއްވެސް މީހަކު ނެތް ކަމަށެވެ.

comment ކޮމެންޓް