ބީއެމްއެލްއިން ދެއްވަދޫގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފަށައިފި

ބީއެމްއެލްއިން ގއ. ދެއްވަދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގއ. ދެއްވަދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.

މިއީ ބީއެމްއެލްއިން މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާ ކުރުމަށް ކުރަމުންދާ އިންވެސްޓްމެންޓްގެ ދަށުން ހުޅުވި ސެންޓަރެކެވެ.

މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރާތްތަކަށާއި ވިޔަފާރިތަކަށް 24 ގަޑިއިރު ހިދުމަތް ލިބިގެން ދާނެއެވެ. އެހެން އޭޓީއެމްތަކެކޭ އެއްފަދައިން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތްވެސް އެތަނުން ލިބެން ހުންނާނެއެވެ.

ގއ. ދެއްވަދޫގެ އިތުރުން ގއ. ވިލިގިލީނގައިވެސް ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް އަންނަނީ ދެމުންނެވެ. ދެއްވަދޫގެ އިތުރުން ގދ. ކޮލަމާފުށި، ގދ. ދާންދޫ، ގދ. މާމެންދޫ، ގދ. ނިލަންދޫ، ގދ. ގެމަނަފުށި އަދި ގދ. ކޫއްޑޫގައި ވެސް ބީއެމްއެލްއިން ވަނީ މި ހިދުމަތް ގާއިމް ކޮށްފައެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ފުޅާ ކުރުމަށް އެ ބޭންކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"މިގޮތުން ދެއްވަދޫގައި އޭޓީއެމްގެ ހިދުމަތް
މިއަދު ފެށިގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިން ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިޔުގައަކާ އެކު މިހާތަނަށް 20 އަތޮޅުގައި 35 ބްރާންޗު ވަނީ ހުޅުވާފައެވެ. އަދި 75 ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 136 އޭޓީއެމްއާ 200އަށް ވުރެ ގިނަ ކޭޝް އެޖެންޓުން ހިމެނޭހެން އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތްތައް ބީއެމްއެލްއިން ދަނީ ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް