އަނިޔާއިން ރަނގަޅުވެ ރާމޯސް ސްކޮޑަށް، ސިޓީ މެޗުގައި ފެނިދާނެ

ޕީއެސްޖީގެ ޑިފެންޑަރު ސާޖިއޯ ރާމޯސް --- ފޮޓޯ//ލައިވްސްކޯ

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރި ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު އަދި މިފަހުން ޕީއެސްޖީއަށް ބަދަލުވި ސާޖިއޯ ރާމޯސް އަނިޔާއިން ރަނގަޅުވެ އައިސް މިރޭ ސިޓީއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކުލަބުން ބުނެފިއެވެ.

ރެއާލް މެޑްރިޑްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކެޕްޓަން، ރާމޯސް ޕީއެސްޖީއަށް ބަދަލުވީ މި ސީޒަނަށެވެ. ކުރީ ސީޒަނުގައި ރެއާލަށް ލީގުގައި 15 މެޗު ކުޅެދިން ތަޖުރިބާކާރު ޑިފެންޑަރު ޕީއެސްޖީއާ ގުޅުނު އިރުވެސް ހުރީ އަނިޔާގައެވެ. އެއާއެކު މިހާތަނަށް އޭނާ ޕީއެސްޖީގެ ޖާޒީގައި އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.

މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ސެމީގައި ރެއާލާއި ޗެލްސީ ބައްދަލު ކުރި މެޗަށްފަހު އަނިޔާގައި ހުރި ރާމޯސް ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރުމަށްފަހު ފުރަތަމަ ފަހަރަށް ޓީމާއެކު ޕްރެކްޓިހުން ފެނުނީ މި ހަފުތާގެ ތެރޭގައެވެ. އެއާއެކު މިރޭ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ 30 މީހުންގެ ސްކޮޑުގައި ރާމޯސް ވަނީ ހިމަނައިފައެވެ.

"ރާމޯސް ޕްރެކްޓިސްތަކުން ފެނުމަކީ އޭނައަށާއި، ޓީމަށް ވެސް ހިތްހަމަ ޖެހުމެއް ގެނުވައިދޭ ކަމެއް. މިހާރު އޭނާ މަސައްކަތް ކުރަނީ ކުރިން ހުރި ލެވަލްއަށް ފިޓްނެސް ދަމަހައްޓަން،" ޕީއެސްޖީގެ ކޯޗު މޯރީސިއޯ ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ ބުނީ ރާމޯސްއަކީ އަނިޔާއިން އެއްކޮށް ރަނގަޅުވެގެން އައިސްފި ނަމަ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއަކަށް ވާނެކަމަށެވެ.

ރާމޯސް ޕީއެސްޖީއާ ގުޅުނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައެވެ. ރެއާލަށް 671 މެޗު ކުޅެދިން ރާމޯސް ވަނީ އެ ޓީމާ އެކު ފަސް ލީގު ތަށްޓާއި ހަތަރު ޗެމްޕިއަންސް ލީގާއި، ހަތަރު ކްލަބް ވޯލްޑް ކަޕާއި އަދި ދެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ.

މިރޭގެ މެޗުގެ ބެންޗަށް ރާމޯސް ނެގުމަކީ ވެސް ޖުމުލަކޮށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އޭނާއަށް ކުޅުމުގެ ފުރުސަތު ދޭނީ އެއްކޮށް ރަނގަޅުވުމުން ކަމަށް ޕޮޗެޓީނޯ ބުންޏެވެ.

comment ކޮމެންޓް