ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުމުރުން ދުވަސްވީ މީހެއްގެ ފޯނާއި ވޮލެޓު ފޭރިގަނެފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާކޮށް އޭނާގެ ވޮލެޓާއި ފޯނު ފޭރިގެންފި -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާކޮށް އޭނާގެ ވޮލެޓާއި ފޯނު ފޭރިގެންފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އަނިޔާކޮށް ފޭރިގަނެފައިވަނީ 85 އަހަރުގެ ދިވެހި ފިރިހެނެއްގެ ފޯނާއި ވޮލެޓު ކަމަށެވެ. އަދި މި މައްސަލަ މިދިޔަ ބުދަ ދުވަހުގެ 10:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީސް މީޑިއާގައި މިހާރު ދައުރު ވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ދުވަސްވީ މީހާއަށް ވަނީ ގިނަ އަނިޔާތަކެއް ކޮށްފައެވެ. އެގޮތުން އަތުގެ ބައެއް ތަންތަން ކަޅުވެފައި ހުރިއިރު ބައެއް ތަންތަން ވަނީ ޒަހަމްވެފައެވެ.

އެ ވީޑިއޯގައި އުމުރުން ދުވަސްވީ މީހާ ބުނީ އޭނާ ކޮށްޕާލުމަށްފަހު ފޯނާއި ވޮލެޓު ހިފައިގެން ދިޔައީ ކަމަށެވެ.

"އަތުގެ ބައެއް ކަޅުވެފައި ހުރީ ކޮށްޕާލި ވަގުތު ޖެހުނުތަނުން ލޭ ފައިބާ ގަނޑުވެފައި ހުރުމުން،" އެމީހާ ބުންޏެވެ.

އެމީހާ ބުނިގޮތުގައި މިކަން ހިނގައިފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. އަދި މި ހާދިސާ ކިޔައިދިން މީހަކު ފުލުހުންނަށް މިކަން ރިޕޯޓު ކުރުމުން ވީ ވަރަކުން މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ލިބިފައިވާ ޒަހަމްތަކަށް ހޮސްޕިޓަލުގެ ފަރުވާ ހޯދައިފައި ނުވާނެ ކަމަށްވެސް އޭނާ ވަނީ ވީޑިއޯގައި ބުނެފައެވެ.

މި ހާދިސާއަށް ހަތް ވަރަކަށް ދުވަސް ވެގެން ދިޔައިރުވެސް އަދި މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމުގައި ފުލުހުން ބުންޏެވެ.

comment ކޮމެންޓް