ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދެން ހުޅުމާލެ މަތިން ސީޕްލޭން ދަތުރުނުކުރާނެ: އެމްއޭސީއެލް

20 އޮކްޓޯބަރ 2016: ބައިއަލް އަގުވާމީ އެއާޓުރަފިކް ކޮންޓްރޯލާދުވަސް ފާހަގަ ކުރުމަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ދަތުރުކުރާ ސީޕްލޭންތައް މީގެ ފަހުން ހުޅުމާލޭގެ މަތިން ދަތުރުނުކުރާ ގޮތަށް ސީޕްލޭން އޮޕަރޭޝަންތަކުގެ ރޫޓް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބަދަލުކޮށްފިއެވެ.

އެމްއޭސީއެލުން މި ބަދަލުތައް ގެނެސްފައިވަނީ މިދިޔަ ހަފްތާގެ ތެރޭއެވެ.

މި ބަދަލާ ބެހޭ މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ޖެނެރަލް މެނޭޖަރު ހަސަން އަރީފް "ސަން"އަށް ވިދާޅުވީ އެ ބަދަލަކީ އެއީ އެ ކުންފުނިން އެއާޕޯޓުގެ ހިދުމަތް ދިނުމުގައި ގެންގުޅޭ މާސްޓާ ޕްލޭނާ އެއްގޮތަށް ގެނެވުނު ބަދަލެއް ކަމަށެވެ. އަދި އެއީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މާސްޓާ ޕްލޭނާ އެއްގޮތަށް އަމަލުކުރަން ފެށީމާ ރަށު ތެރޭގައި އެ އޮންނަ އުދުހުންތައް ހުއްޓުނީ. އެހެންވީމާ އެއީ ސޭފްޓީ ވައިސްކޮށް ވަރަށް ރަނގަޅުކަމެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ބަދަލާއެކު ދެން ސީޕްލޭން ދަތުރުކުރާނީ ހުޅުމާލެގެ އިރުން، ހުޅުމާލޭގެ ފަޅު މަތިން ކަމަށެވެ. އަދި ހުޅުމާލޭގެ ހުޅަނގުން ކަމަށެވެ.

ސީޕްލޭން އޮޕަރޭޝަންތައް ހިންގަނީ ހެނދުނު 06:00އަކުން އިރުއޮއްސި 18:00އާ ދެމެދެވެ. އެ ވަގުތުތަކުގައި ވެލާނާ އިންޓަނޭޝަނަަލް އެއާޕޯޓަށް ޖެއްސުމަށް ދަތުރުކުރާ ސީޕްލޭންތައް ދަތުރުކުރަނީ ހުޅުމާލެ މަތިންނެވެ. ސީޕްލޭންތައް ދަތުރުކުރަނީ މީހުން ދިރިއުޅޭ އިމާރަތްތަކާ ވަރަށް ތިރިންނެވެ. ނަމަވެސް މި ބަދަލާއެކު އެކަމަށް ނިމުމެއް އަންނާނެއެވެ.

comment ކޮމެންޓް