ސާވިސް ޗާޖުގެ މައުލޫމާތު މީރާ ކަނެކްޓް މެދުވެރިކޮށް ހުށަހަޅަން އަންގައިފި

ހުޅުމާލޭގެ ގެސްޓްހައުސެއް -- ސަން ފައިލް ފޮޓޯ

ހިދުމަތްތަކުން ސާވިސް ޗާޖު ނަގާ ހުރިހާ ފަރާތްތަކުން މީރާގެ އޮންލައިން ޓެކްސްޕޭޔާ ހިދުމަތް "މީރާ ކަނެކްޓް" މެދުވެރިކޮށް ސާވިސް ޗާޖުގެ މައުލޫމާތު ހުށަހަޅަން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ)އިން އަންގައިފިއެވެ.

ސާވިސް ޗާޖާ ބެހޭ ގަވާއިދުގެ ދަށުން އެލްއާރުއޭއާއި މީރާއަށް ހިއްސާ ކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ސާވިސް ޗާޖާ ގުޅޭ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ؛

  • ވަޒީފާ ދޭ ފަރާތަށް ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މަހަކަށް ލިބުނު އާމްދަނީގެ ތަފްސީލު
  • އެ މަހަކު ސާވިސް ޗާޖު ލިބުު މުވައްޒަފުންގެ އަދަދު
  • ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ހައްގު ވާ މިންވަރު

މީގެ އިތުރުން ސާވިސް ޗާޖުގެ ގޮތުގައި ދިން ފައިސާގެ އަދަދުގެ މައުލޫމާތު ބަލަހައްޓަން ޖެހޭނެ ކަމަށާއި އެ މައުލޫމާތު އެލްއާރުއޭއާއި މީރާއަށް ހުށަހަޅަން ވާނެ ކަމަށް ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީރާ ކަނެކްޓް މެދުވެރިކޮށް ސާވިސް ޗާޖާ ގުޅޭ މައުލޫމާތު ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި މިދިޔަ މަހު އެލްއާރުއޭއާއި މީރާއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކުރިއެވެ.

ސާވިސް ޗާޖުގެ މައުލޫމާތު އެލްއާރުއޭއާއި މީރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާއިރު، މީރާ ކަނެކްޓް މެދުވެރިކޮށް މައުލޫމާތު ހުށަހެޅުމުން ދެ ތަނަށް މައުލޫމާތު ހުށަހެޅުނު ކަމުގައި ބެލޭނެ ކަމަށް އެލްއާރުއޭއިން ބުނެއެވެ.

އެހެންކަމުން ހިދުމަތްތަކުން ސާވިސް ޗާޖު ނަގާ ހުރިހާ ފަރާތްތަކުން ވެސް ސާވިސް ޗާޖުގެ މައުލޫމާތު ހުށަހެޅުމަށް ޓަކައި މީރާ ކަނެކްޓުގައި ރަޖިސްޓްރީވެ، އެ މައުލޫމާތު ހުށަހެޅުމަށް އެލްއާރުއޭއިން ވަނީ އެދިފައެވެ.

މީރާ ކަނެކްޓު މެދުވެރިކޮށް ސާވިސް ޗާޖުގެ މައުލޫމާތު ހުށަހަޅަން ޖެހޭ ގޮތުގެ އިރުޝާދު މި ލިންކުން ބަލައިލެވޭނެއެވެ.

comment ކޮމެންޓް