ފޯ ނޭޝަންސް ކަޕް: ފަހުވަގުތު ބަންގްލަދޭޝް ބަލިކޮށް ލަންކާ ފައިނަލަށް

ލަންކާއާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ފޫޓްބޯލް ސްރީލަންކާ

މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް ބަލިކޮށް، ހޯސްޓް ނޭޝަން ސްރީލަންކާއިން ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފިއެވެ.

ލަންކާގައި މިރޭ ކުޅުނު މެޗުގައި ބަންގްލަދޭޝް އަތުން ހޯމް ޓީމު ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައި، ދެވަނައިގެ ގޮތުގައި ލަންކާއިން ވަނީ ފައިނަލަށް ދަތުރު ކޮށްފައެވެ. އެ ޓީމުން ފައިނަލުގައި ބައްދަލު ކުރާނީ މިއަދު ހަވީރު ރާއްޖެ އަތުން ޕޮއިންޓެއް ހޯދައިގެން އެއްވަނައިގެ ގޮތުގައި ފައިނަލްގެ ޖާގަ ހޯދި ސީޝެލްސްއާއެވެ.

މި މެޗުން ލިބުނު ބައްޔާއެކު ބަންގްލަދޭޝްއަށް ފައިނަލުގެ ޖާގަ ގެއްލުނީ ޖެހި ގޯލުގެ ތަފާތުންނެވެ. ބަންގްލަދޭޝްއިން ސީޝެލްސްއާ އެއްވަރުކޮށް ރާއްޖެ އަތުން މޮޅުވެގެން ހަތަރު ގޯލު ޖެހި ނަމަވެސް ލަންކާއިން ވަނީ މުބާރާތުގައި ބަންގްލަދޭޝްއަށް ވުރެން ގިނަ ގޯލު ޖަހައިފައެެވެ. މުބާރާތުގެ އެންމެ ދަށުން ޕޮއިންޓް ލިބުނީ ދެ ޕޮއިންޓް ލިބުނު ރާއްޖެއަށެވެ.

ވިއްސާރައިގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައިވާ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ލަންކާ އިން ދިޔައީ ހަލުވި ދުވެލީގައި ކުޅެ، ބަންގްލަދޭޝް ހާފުގެ ތެެރެއިން ލިބޭ ފުރުސަތުތަކުގައި އެޓޭކްކުރެވޭތޯ ބަލަމުންނެވެ.

ނަތީޖާއަކަށްވީ މެޗުގެ ފުރަތަމަ ހާފުގައި ލަންކާއިން ލީޑު ނެގުމެވެ. ލަންކާގެ ކަވިންދޫ އިޝާން ޖެހި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު އަނީސުއްރަހްމާން ޒީކޯ އަތުގައި ޖެހިފައި ނުކުތްއިރު، ގޯލު ކުރިމަތީގައި ހުރި ވަސީމް ރަޒީކް ވަނީ ގޯލަށް ވައްދާލައިފައެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ. އޭނާ އަނެއް ހަތަރު ގޯލު ޖެހީ ރާއްޖެ ކޮޅަށެވެ.

އޭގެ އިރަކޮޅެއް ފަހުން ބަންގްލަދޭޝްއަށް ވަނީ ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ލަންކާގެ ޑިފެންޑަރު ޑަކްސަން ގޯލު ރޮނގުމަތީގައި ހުރެ ބަންގްލަދޭޝްގެ ކުޅުންތެރިއެެއް އުފެއްދި ހަމަލާ އަތުން ދިފާއު ކުރުމުން އޭނާއަށް ރަތް ކާޑު ދައްކާ ބަންގްލަދޭޝްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެކަމަކު ބަންގްލަދޭޝްގެ ޓޯޕޫ ބަރްމަން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެެވެ.

ބަންގްލަދޭޝްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ72 ވަނަ މިނިޓްގައެވެ. އޭރިއާތެރެއަށް ހުރަސްވި ބޯޅަ މުހައްމަދު އިބްރާހިމް ވަނީ ވެއްޓިގެންފައި ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. އޭގެ ފަހުން ބަންގްލަދޭޝް އިން ލީޑުނަގަން ފޮނުވާލި ބޯޅައެއް ލަންކާ ކީޕަރު ސުޖަން ވަނީ މަތަކޮށްފައެވެ.

ލަންކާއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 89 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ބަންގްލަދޭޝްގެ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އެ ބޯޅަ ގޯލަށް ފޮނުވާލީ ވަސީމްއެވެ. އެ ގޯލާއެކު އޭނާ މި މުބާރާތުގައި ޖެހި ގޯލުގެ އަދަދު ވަނީ ހަޔަކަށް އަރައިފައެވެ.

comment ކޮމެންޓް