ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރުގެ މައްސަލަ އިސްތިއުނާފް ކުރަނީ

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެސްޖޭ ކޮންސްޓްރަކްސަންއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. ޒިޔާދު ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ސާބިތު ނުވި މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފިއެވެ.

ޑރ. ޒިޔާދު ގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް އޭސީސީގެ ތަހުގީގަކުން ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ޑރ. ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުރި، މ. މުހައްމަދީއާބާދު، އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލި ނަމަވެސް ދެ ބޭފުޅުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް މި މަހުގެ ދެ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އޭސީސީން ފޮނުވައިގެން ބެލި އެ މައްސަލައިގައި ޒިޔާދުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ނިންމައިފައިވާތީ އިސްތިއުނާފް ކުރަން ނިންމައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ ނިންމުވުމާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ، އަޅުގަނޑުމެން އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކުރަން ނިންމައިފައިވާނީ، އެހެންވީމާ މި ހަފްތާ ތެރޭގައި އެ މައްސަލަ ވެސް ހައިކޯޓުގައި އިސްތިއުނާފް ކުރާނަން،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމައިފައި އޮތް ގޮތުން، ރާއްޖޭގައި އޮންނަން ވާނީ ހަމައެކަނި އޮޑިޓާ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީ ކަމަށް ދޭހަވާ ކަމަށެވެ.

" އެ ނޫންތަނެއް އޮންނާނެ ކަމެއް ނެތް، އެއްވެސް މިނިސްޓްރީއެއްގެ ޒިންމާއެއް ވެސް އެ ހުކުމުގަ އޮތް ގޮތަކުން އަޅުގަނޑު ކިޔާލިއިރު ނެތް، އެއީކީ ހަމަ ޖެހޭ ގޮތެއް ނޫން. އެ އެއްނޫން ގާނޫނު އަސާސީއާއި ގާނޫނުތައް ތަސައްވަރު ކޮށްފަ އޮތް ގޮތަކީ،" ޝަމީމް ވިދާޅުވިއެވެ.

މައްސަލައިގައި އޭސީސީން ބުނީ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހިމް އަބްދުﷲ ސައީދު ޕްރޮޕޯސަލްތަކާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސްޖޭ ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އިބްރާހިމް އަބްދުﷲ ސައީދާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު މަސްލަހަތު ފުށުއަރާފަދަ ގުޅުން އޮންނަކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށްވެސް އޭސީސީއިން ބުނެފައިވެއެވެ.

ގާޒީ މުހައްމަދު މިސްބާހު ކުރި އެހުކުމުގައި ބުނެފައިވަނީ, ފަންގިފިލާގެ އަދަދު ނުބައިކޮށް އެއްބަސްވުމުގައި އޮތްކަން ފާހަގަވި ހިސާބުން އެކަން އިސްލާހު ކުރުމަށް އޭރުގެ އިސްލާމިކް މިނިސްޓްރީން މަސައްކަތްކޮށްފައިވާ ކަން ދެ ހެކިވެރިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި އެއީ ގަސްތުގައި ކުރި ކަމެއް ކަން ސާބިތުކުރެވޭ ވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް