ވެންޓިލޭޓަރު މައްސަލައާއި މަހުލޫފްގެ މައްސަލައިގައި އަންނަ ހަފްތާގައި ޕީޖީން ގޮތެއް ނިންމަނީ

މިނިސްޓަރު މަހުލޫފް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔަސް

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައިގައި ދައުވާ ކުރުމާ މެދު އަންނަ ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އޭސީސީން ފޮނުވާ މައްސަލަތަކަށް، ޕީޖީން މައްސަލަތައް ކޯޓަށް ފޮނުވުމުގައި ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

އެހެންނަމަވެސް އޭސީސީއަކީ މިނިވަން މުވައްސަސާއަކަށް ވުމާއެކު ގިނައިން އޭސީސީން ފޮނުވާ މައްސަލަތަކަކީ ޕީޖީއަށް މުޅިން އައު މައްސަލަތަކެއް ކަމަށާއި އެކަމުގެ ސަބަބުން ދަތިތަކެއް ހުންނަ ކަމަށް ވިދާޅުވިއެވެ.

"ފުލުހުންނާ ތަފާތުކޮށް، ނުވަތަ އެހެން ތަހުގީގީ އިދާރާތަކާ ތަފާތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ވަރަށް މިނިވަން، މުސްތަގިއްލު މުވައްސަސާއެއް، އެހެންވީމަ އަޅުގަނޑުމެންނާ އެއްގޮތަކަށް ވެސް މަޝްވަރާ ކުރުމެއް ބައެއް ފަހަރު ނުއެއް އޮވޭ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިހެން ކަން އޮތުމުން މައްސަލައިގައި އިތުރަށް ސާފު ކުރަން ޖެހޭ ކަންކަމާއި އިތުރަށް ތުހުމަތު އިއްވަން ޖެހޭ ކަންކަން ވެސް ހުންނަ ކަމަށެވެ. އަދި ބައެެއް ފަހަރު މައްސަލަތަކުގައި ބައެއް އަސާސީ ކަންކަން ފުރިހަމަ ނުވާ ކަން ވެސް ފާހަގަކުރެއްވިއެވެ.

މި ކަން ހައްލު ކުރުމަށް ޓަކައި އޭސީސީން ޕީޖީއާ މަޝްވަރާ ކުރި ނަމަވެސް އޭސީސީގެ މުސްތަގިއްލުކަމަށް އަސަރު ނުކުރާނެ ކަމަށް ބުނެ، މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝަމީމް ވިދާޅުވިއެވެ.

https://sun.mv/158556

ޝަމީމް ވިދާޅުވީ އެ މަޝްވަރާއަށް ފަހު އޭސީސީން ހުށަހަޅާ މައްސަލަތައް މާ ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"ވެންޓިލޭޓަރު މައްސަލަ ވެސް ފަހުން ތަހުގީގު ނިންމާފައި ފޮނުއްވާފަ އޮތީ ކުރިން މަޝްވަރާ ކުރުމެއް ނެތި އެހެންވީމާ އަޅުގަނޑުމެން އެ ލިޔުންތައް މިދަނީ ދިރާސާކުރަމުން. އަޅުގަނޑު މި ބަލަނީ އިރާދަކުރެއްވިއްޔާ މި އަންނަ ހަފްތާ ކުރީ ކޮޅަށް ވެންޓިލޭޓަރު މައްސަލައާއި ދެން މިނިސްޓަރު މަހުލޫފްގެ މައްސަލައާ އަޅުގަނޑުމެންނަށް ގޮތެއް ނިންމޭނެ ކަމަށް،" ޝަމީމް ވިދާޅުވިއެވެ.

މި މައްސަލަތަކުގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ޕީޖީއަށް ނެތް ކަން ވެސް ޝަމީމް ފާހަގަކުރެއްވިއެވެ.

ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީ އިން ފުރަތަމަ ޕީޖީއަށް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14ގައެވެ. ނަމަވެސް، އޭރު ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީން ދައުވާ ނުކުރަން ނިންމިއެވެ. އަދި މައްސަލަ އަލުން ރިވިއުކުރުމަށް އަންގައި ޕީޖީން މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލީއެވެ.

އަލުން ތަހުގީގުކުރުމަށްފަހު މައްސަލަ ޕީޖީއަށް ފޮނުވައިފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

އެމްއެމްޕީއާރުސީ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިދިޔަ ޖޫން މަހު ޕީޖީއަށް ފޮނުވީ، 2014 ވަނަ އަހަރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 33،000 ޑޮލަރުގެ ރިޝްވަތެއް ގަބޫލު ކުރެއްވި ކަމުގެ ތުހުމަތުގައެވެ.

މަހުލޫފް ތުހުމަތު ކުރައްވާ ގޮތުގައި އޭނާގެ މައްސަލައިގެ އަޑީގައި ވަނީ އޭނާ މަގާމުން ދުރު ކުރަން މަސައްކަތް ކުރާ ސިޔާސީ ބަޔެކެވެ. އަދި މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ، މަހުލޫފާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނޯންނާނެ ކަމަށް ވެސް އޭނާ މީގެ ކުރިން ވިދާޅުވެފައިވެއެވެ. މަހުލޫފް ވިދާޅުވާ ގޮތުގައި އޭނާއަށް މިހާތަނަށް ދައުވާ ނުކުރެވިގެން އުޅޭ ސަބަބަކީ ވެސް ހެކި ނެތުމެވެ.

comment ކޮމެންޓް