ޓީމު ރަނގަޅު ކުރަން ވަގުތު ދީ، ތަފާތު ދައްކާނަން: ރާއްޖެ ކޯޗު

ދިވްހި ގައުމީ ފުޓުބޯޅަ ޓީމު މަހިންދަ ރާޖަޕަކްސަ ޓްރޮފީ އަށް ސްރީލަންކާ އަށް ފުރުމުގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު ހައްޔާން

ޓީމުގެ ނަތީޖާތައް ގޯސްވި ނަމަވެސް ކެތްތެރިވުމަށް އެދޭ ކަމަށާއި، މިއޮތް ޓީމު ރަނގަޅު ކުރަން ވަގުތު ބޭނުންވާ ކަމަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

ސްރީލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ (ފޯ ނޭޝަންސް ކަޕް) ގައި އިއްޔެ ރާއްޖެ ކުޅުނު މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ. މިއީ ވޭތުވެ ދިޔަ 18 އަހަރުގެ ތެރޭގައި ވެސް ބަންގްލަދޭޝަށް ރާއްޖެ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. މި ނަތީޖާއާއެކު ކުޅުނު ދެ މެޗުން ލިބުނު ޕޮއިންޓާއެކު ރާއްޖެ މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.

އެހެން ނަމަވެސް ރޭ ސީޝެލްސްއާއި ލަންކާ ކުޅުނު މެޗުގައި ސީޝެލްސް މޮޅުވެފައި އޮތުމުން ރާއްޖެއަށް ވަނީ އުންމީދެއް ލިބިފައެވެ. އެ މެޗުން މޮޅުވެގެން ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް ނަމަވެސް މިހާތަނަށް ރާއްޖެއިން ދެއްކި ކުޅުމާ މެދު ދިވެހި ސަޕޯޓަރުން ތިބީ ހިތްހަމަ ނުޖެހިފައެވެ.

ސަޕޯޓަރުންގެ މާޔޫސްކަމަށް ގައުމީ ކޯޗު ދިން ރައްދަކީ ޓީމާއެކު އޭނާއަށް ލިބިފައިވާ ވަގުތު މަދުކަމަށާއި، ނަތީޖާތައް ނެރެން އަދި މި ޓީމަށާއި ކޯޗިންގް ޓީމަށް ފުރުސަތުދީ ކެތްތެރިވާންޖެހޭ ކަމަށެވެ.

"ސަޕޯޓަރުން ގާތު އަހަރެން އެދޭ އެދުމަކީ މި ޓީމަށް ވަގުތު ދޭން. އަދި ޓީމާއެކު އަހަރެންނަށް މި ހޭދަވީ ކުޑަ ދުވަސްކޮޅެއް. ނަތީޖާއަށް އެކަނި ބަލަައިގެން ޓީމުގެ ބޮޑު މަންޒަރެއް ނޭންގޭނެ،" އިއްޔެގެ މެޗަށްފަހު ޓްރާންސްލޭޓަރުގެ އެހީގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން މޮރިއޭރޯ ބުންޏެވެ.

"އަހަރެން ގަބޫލުކުރަން މި ކުޅުންތެރިންގެ ފެންވަރު. އަހަންނަށް ވަގުތު ދޭންވީ. އަހަރެން ގަބޫލުކުރާ އެންމެ ބަހެއް ކޯޗިންގައި އޮންނާނީ، އެއީ ބުރަ މަސައްކަތް. ބުރަ މަސައްކަތް އެއީ އެއްޗަކީ. ނަތީޖާއަށް ބަލާނަމަ އަހަރެން ކުށްވެރިވޭ، އެކަން ގަބޫލުކުރަން. އެކަމަކު ބުރަކޮށް މަސައްކަތް ކުރަން،"

އިއްޔެގެ މެޗުގައި އެއްވަރުވާން ދަނިކޮށް ބަންގްލަދޭޝް ކޮޅަށް ނަތީޖާ އެނބުރުނީ މެޗު ނިމިނިމި އޮއްވާ ރާއްޖޭގެ ޒުވާން ގޯލް ކީޕަރު އަލީ ނާޖިހު ބަންގްލަދޭޝްގެ ފޯވާޑަށް ކުރި ފައުލާ ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީންނެވެ. އެހެން ނަމަވެސް މޮރިއޭރޯ ވަނީ އިއްޔެގެ މެޗުން ބަލިވުމުގެ ޒިންމާ ނާޖިހުއަށް ނަގަން ނުޖެހޭނެކަމަށް ބުނެފައެވެ.

"ޕެނަލްޓީގައި ޒުވާން ގޯލްކީޕަރަށް ބްލޭމް ނުކުރެވޭނެ. އެއީ 23 އަހަރުން ދަށުގެ ޓީމުން އައިސް ގައުމީ ޓީމަށް (ނާޖިހު) ކުޅުނު ދެވަނަ މެޗު. އެއީ ތަޖުރިބާ ހޯދުން. ތަޖުރިބާ ހޯދުމުގެ ދަތުރުގައި އެކަހަލަ ކަންކަން ދިމާވާނެ،" ނާޖިހުގެ ދިފާއުގައި ވާހަކަދައްކަމުން ކޯޗު މޮރިއޭރޯ ބުންޏެވެ.

comment ކޮމެންޓް