ފޯ ނޭޝަންސް ކަޕް: ސީޝެލްސްގެ މޮޅާއެކު ރާއްޖެއަށް އަމިއްލަ ބާރު ލިބިއްޖެ

ލަންކާ އާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ//ފުޓްބޯލް ސްރީލަންކާ

ސްރީ ލަންކާގައި ކުރިއަށްދާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި މިރޭ ކުޅުނު މެޗުން ސީޝަލްސް ހޯދި މޮޅާއެކު، އަމިއްލަ ބާރުގައި ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލިފައި އޮތް ރާއްޖެއަށް އަލުން ބާރު ލިބިއްޖެއެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި މިރޭ ހޯމް ޓީމް، ސްރީލަންކާއާއި ސީޝަލްސް ކުޅުނު މެޗުން ސީޝަލްސް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ސީޝަލްސްއިން ހަތަރު ޕޮއިންޓާއެކު ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑު ކުރި އިރު، މެޗުން ބަލިވި ސްރީލަންކާ އޮތީ މިއަދު ބަންގްލަދޭޝް އަތުން ބަލިވި ރާއްޖެއާއެކު ނުތަނަވަސްކަމެއްގައެވެ.

އެހެން ނަމަވެސް މުބާރާތުގައި ދެން އޮންނަ މެޗެއްގައި ސީޝެލްސް އަތުން މޮޅުވެގެން ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މިރޭގެ މެޗުގައި ސްރީލަންކާ މޮޅުވި ނަމަ ރާއްޖެއަށް އަމިއްލަ ބާރު ގެއްލޭނެއެވެ. ސަބަބަކީ ރާއްޖެ އެއް ޕޮއިންޓާއެކު އޮތުމުން ލަންކާ މޮޅުވި ނަމަ އެ ޓީމާއި ބަންގްލަދޭޝްއަށް ހަތަރު ޕޮއިންޓ ވާނެއެވެ. އެހެން ކަމުން ލަންކާއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު އެއްވަރު ކޮށްގެން ވެސް އެ ދެ ޓީމަށް ފައިނަލަށް ދެވޭނެއެެވެ.

މި މެޗުގައި ސީޝެލްސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން ލަންކާގެ ޑިފެންޑަރު އަސީކުރް ރަހްމާނުގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ. އެކަމަކު ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޮއިޓް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

ސީޝެލްސް އިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ ކެޕްޓަން އެރިކް ބޮލުން ކާމިިޔާބުކުރި ލަނޑެކެވެ. މި ލަނޑު އޭނާ ކާމިޔާބުކުރި އިރު ކައިރީގައި ލަންކާގެ ތިން ކުޅުންތެރިން ތިބީ އޭނާ މާކުކޮށްގެންނެވެ.

މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފަައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 19 ވަނަ ދުވަހުއެވެ.

comment ކޮމެންޓް