ރައްޔިތުންނަށް ޓަކައި ކޮށްދޭން ޖެހޭ ކަމެއް އެމްޑީޕީ ސަރުކާރުން ކޮށްދޭނެ: ޔައުގޫބު

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ މިއަދު ބަޖެޓަށް ބަހުސްކުރައްވަނީ --- ފޮޓޯ/ މަޖިލިސް

ރައްޔިތުންނަށް ޓަކައި ކޮށްދޭން ޖެހުނު ކޮންމެ ކަމެއް އެމްޑީޕީގެ ސަރުކާރުން ކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން، ސަރުކާރުން މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅިގެން އެ ކަމަށް އިޝާރާތް ކުރައްވައެވެ.

ޔައުގޫބް ވިދާޅުވީ މިނިމަމް ވޭޖު ކަނޑައެޅުމާއެކު ޒުވާނުންނާއި ވަޒީފާ އަދާކުރާ މީހުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އެ ހެޔޮ ބަދަލުތައް އަންނަ އަހަރު ފެނިގެންދާނެ ކަމަށެވެ.

"މިނިމަމް ވޭޖާ ގުޅިގެން މަސައްކަތްތެރިންގެ މުސާރައަށް އަންނާނެ ހެޔޮ ބަދަލުތަކާއި، މަސައްކަތްތެރިންގެ މަސައްކަތުގެ މާހައުލަށް އަންނާނެ ހެޔޮ ބަދަލުތަކާއި އަދި މަސައްކަތްތެރިންގެ ސިކުނޑިއަށް އަންނާނެ ހެޔޮ ބަދަލުތައް އިރާދަކުރެއްވިއްޔާމު އަންނަ އަހަރު އަޅުގަނޑުމެން އެންމެނަށް ފެނިގެންދާނެ،" ޔައުގޫބް ވިދާޅުވިއެވެ.

ހަމައެހެންމެ މިނިމަމް ވޭޖަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ކަނޑައަޅަން ނުކެރުނު އެއްޗެއް ކަމަށް ވިދާޅުވެ އޭނާ އިތުރަށް ވިދާޅުވީ ނުފޫޒުގަދަ މީހުންގެ ބިރަށް އަބަދު ވެސް އެކަން އޮތީ އުންމީދެއްގެ ގޮތުގައި ކަމަށެވެ.

"ސަރުކާރަކީ ރައްޔިތުންނަށް ޓަކައި، ހާއްސަކޮށް އެމްޑީޕީގެ ސަރުކާރުތަކަކީ ރައްޔިތުންނަށް ޓަކައި ކުރާން ޖެހޭ ޖެހުނު ކަމެއް ދޫކޮށްނުލާނެ ސަރުކާރުތަކެއް ކަން މިއަދު ކަށަވަރުވެ، ޔަގީންވެގެން އެ ދިޔައީ،" ޔައުގޫބު ވިދާޅުވިއެވެ.

ވީ ވައުދާ އެއްގޮތަށް މިނިމަމް ވޭޖު ކަނޑައަޅައި، އިމްޕްލިމެންޓް ކުރަން ބަޖެޓުގައި ހިމަނައިފައިވީތީ ޔައުގޫބު ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

މީގެ އިތުރުން ޔައުގޫބު ވިދާޅުވީ މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ އެޖެންޑާ19 އާއި އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވެސް ވައުދުވެފައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން މަސްވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ދާއިމީ ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން އަމާޒު ހިފައިފައިވާ ކަމާމެދުގައި ޝައްކު ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔައުގޫބު އިތުރަށް ވިދާޅުވީ 2022 ވަނަ އަހަރަކީ މަސްވެރި އާއިލާތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ އަހަރެއް ކަމަށެވެ.

comment ކޮމެންޓް