ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ ޕީއެންސީގެ ސްޓިއަރިން ކޮމިޓީން އަންގާ ގޮތަށް: ޔައުގޫބް

ދާންދޫ ދާއިރާގެ ކުނީގެ މަޖިލިސް މެމްބަރު ޔައުގޫބް އަބްދުﷲ: ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ ޕީއެންސީން އަންގާ ގޮތަށް ކަމަށް.-- ފޮޓޯ/ ރާއްޖެ އެމްވީ

ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދަނީ އެ ކުންފުނިތަކުގެ ވެރިންނަށް ވެސް އެނގުމަކާ ނުލައި، ސަރުކާރު ހިންގާ ޕީއެންސީގެ ސްޓިއަރިން ކޮމިޓީގެ ލަފާގެ މަތިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެސްއެސް ޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ޔައުގޫބް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްވާފައިއެވެ.

ޔައުގޫބް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް އިސްނަންގަވައިގެން 228 ސިޔާސީ މުވައްޒަފުން މަދުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ. އެގޮތުން ވިދާޅުވި އަދަދަށްވުރެ ގިނައިން ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރަމުންދާ ކަމަށާއި، ކޮންމެ ދުވަހަކު ވެސް ކުންފުނިތަކާއި ސަރުކާރުގެ އިސް ސިޔާސީ މަގާމުތަކަށް އެތައް ބަޔަކު އައްޔަންކުރަމުންދާކަމުގެ ޚަބަރުތައް ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމުގައި އަމަލުކުރަމުންދާ އުސޫލާ ގުޅޭގޮތުން ޔައުގޫބް ވިދާޅުވީ، މުވައްޒަފުންގެ މަސައްކަތް ވަޒަންކުރަނީ އެ މީހުން މަސައްކަތް ކުރާ ކުންފުނިތަކަކުން ނޫންކަމަށާއި އެކަން ކުރަނީ ކޮންމެ ރަށެއްގައި އޮންނަ ޕީއެންސީގެ ސްޓިއަރިން ކޮމިޓީން ކަމަށެވެ.

މިކަމުގެ ސަބަބުން ކުންފުނިތަކުގައި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ވަކިވެ، ސިޔާސީ ބޭނުންތަކަށް ވައްދާފައި ތިބި މީހުން ވަޒީފާގައި ދެމިތިބޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"މުވައްޒަފުންގެ ޕާފޯމަންސް އިވެލުއޭޓް ކުރަނީކީ އެ މީހުން މަސައްކަތް ކުރާ ކުންފުނިތަކަކުން ނޫން، އެކަން ކުރަނީ ކޮންމެ ރަށެއްގައި އޮންނަ ޕީއެންސީގެ ސްޓިއަރިން ކޮމިޓީން،" ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމުގައި އަމަލުކުރަމުންދާ އުސޫލާ ގުޅޭގޮތުން ޔައުގޫބް ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށްރަށާއި މާލޭގައި ހުރި ބޮޑެތި ކުންފުނިތަކުގައި އެއްވެސް މަސައްކަތެއް ނެތި، ހަމައެކަނި ސިޔާސީ ބޭނުމަށް 20،000 އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަ ދީފައި ގިނަ ބަޔަކު ބައިތިއްބާފައި ތިބިކަން ޔައުގޫބް ފާހަގަކުރެއްވިއެވެ. މިފަދަ މުވައްޒަފުންނަށް ކުރާނެ މަސައްކަތެއް ނުވަތަ ނުކުންނާނެ އޮފީހެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/225530

ހޯމަ ދުވަހުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވީ ވިޔަފާރި ބަނދަރުތަކާ ބެހޭ ކުންފުނި އެމްޕީއެލުގައި ތިބެންޖެހޭ އަދަދަށް ވުރެ އިތުރަށް 600 މުވައްޒަފުން އެބަ ތިބި ކަމަށާއި މިހާރު ވެސް އެ ކުންފުނިން 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރަށް ބޭރުވާ ކަމަށެވެ.

ނާޒިމްގެ އެ ވާހަކައަށް އިޝާރާތްކުރައްވަމުން ޔައުގޫބްވަނީ އެ ފަދަ ބޮޑެތި ޚަރަދުތައް ކުޑަކުރަން ސަރުކާރުން އެދެވޭ މަސައްކަތެއް ކުރާތަން ނުފެންނަ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރާއްޖޭގެ އިގުތިޞާދީ ހާލަތު މިއަދު އޮތީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހެޔޮވަރު ވަރަކަށް ތިރިކޮށް ނުވަތަ ރައިޓް ސައިޒްކުރަން ޖެހޭ ހާލަތުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

https://sun.mv/225249

ރާއްޖޭގެ ދަރަނި ބޮޑުވުމުން ޚަރަދު ކުޑަކުރަން ފިޔަވަޅު އަޅަމުން އަންނައިރު، ސަރުކާރު ބައެއް ކުންފުނިތަކަކީ ދައުލަތުން ދޭ އެއްޗަކަށް ބަރޯސާވެފައިވާ، ގެއްލުމުގައި ހިންގާ ކުންފުނިތަކެކެވެ. އެހެންވެ، ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަ ކުރުމަށް 33 ޕަސެންޓް މުވައްޒަފުން މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފައެވެ.

އެ މަސައްކަތް ތިން މަސް ތެރޭ ނިންމަން މި މަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ އަންގައިފައެވެ.

comment ކޮމެންޓް