ރަށްރަށުގެ ހޮސްޕިޓަލުތައް ތަރައްގީވެ، މާލެ ހޮސްޕިޓަލުތަކުގެ ލޯޑު ކުޑަވެއްޖެ: ފަލާހު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ފާއިތުވީ ތިން އަހަރެއްހާ ދުވަސް ތެރޭގައި މި ސަރުކާރުން ރާއްޖޭގެ އެކިއެކި ރަށްރަށުގެ ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ ސަބަބުން، މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގެ ލޯޑު ކުޑަވެފައިވާ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން 2022ގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވާ ކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ އެ ބަޖެޓަކީ ހޮސްޕިޓަލުތައް އެޅުމަށާއި އެކި ހޮސްޕިޓަލުތައް ތަރައްގީ ކުރުމަށް ހޭދަކުރާނެ ބަޖެޓު ކަމަށެވެ.

މި ސަރުކާރުގެ މެނިފެސްޓޯގައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލު އަޅާނެ ކަމަށް ބުނެފައިވާއިރު އެކަން ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

އެގޮތުން ފަލާހު ވިދާޅުވީ ފާއިތުވި ދެ އަހަރެއްހާ ދުވަހު މާލެ ލޮކްޑައުންގައި އޮތުމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ބޭސް ފަރުވާއަށް މާލެ ދަތުރު ނުކުރެވުނު ކަމަށެވެ. އެހެންނަމަވެސް އަތޮޅު ތެރޭގެ ހޮސްޕިޓަލުތައް ތަރައްގީވެފައިވުމުން، އެހެން ރަށްރަށުން ބޭސް ފަރުވާ ހޯދި ކަމަށް ފަލާހު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަތޮޅުތެރޭގައި ތިބި ބޭސްފަރުވާއަށް ބޭނުންވާ ރައްޔިތުން އެމީހުން ދިޔައީ އަތޮޅުތެރޭގެ އެހެން ރަށްރަށަށް ބޭސްފަރުވާ ކަންކަން ފުރިހަމަ ކުރުމަށް ޓަކައި ދަތުރުކޮށްފަ، ސަރުކާރުން ކުރެއްވި މަސައްކަތަކީ އެ ހޮސްޕިޓަލުތައް ތަރައްގީކުރުން،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މި ސަރުކާރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތައް ތަރައްގީކޮށްފައިވުމުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުން އަންނަ ކަމަށެވެ.

"އެ ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ ސަބަބުން، މިއަދު މާލޭގެ ހޮސްޕިޓަލުތަކަށް ލޯޑު ކުޑަވެގެން ގޮސްފައިވާ ކަމަށް އަޅުގަނޑަށް ހަމަ ޔަގީނުން ވިދާޅުވާން ކެރޭ،" ފަލާހު ވިދާޅުވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ އެއީ ސަރުކާރުގެ ދުރު ވިސްނުމާއި ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރުމުން ހާސިލްވި ލަނޑުދަނޑިއެއް ކަމަށެވެ.

މީގެ އިތުރުން ވެސް ޑޮކްޓަރުންނާއި ނަރުހުންގެ ވަޒީފާ އިތުރު ކުރުމަށް ބަޖެޓުގައި ހިމަނައިފައިވާތީ އެކަން ވެސް ފަލާހު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް