ހުޅުވަން ތައްޔާރުވަމުންދިޔަ ޖާބިރުގެ ކާސާމިއާގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް

ކާސާމިއާގެ އިންޖީން ރޫމުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުން ----

އއ. މަތިވެރީގައި ހުންނަ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގެސްޓު ހައުސް، ކާސާމިއާ ގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު ހަތަރެއް ޖަހާލިހާއިރު އެވެ.

އެތަނާއި ހަވާލުވެގެން ހުންނެވި ޖާބިރުގެ ދަރިކަލުން މުހައްމަދު ޖާބިރު 'ސަން' އަށް ވިދާޅުވީ, ކާސާމިއާގެ އިންޖީނުގޭގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އޭނާ ތުހުމަތު ކުރެއްވީ ބަޔަކު އެތަނުގައި ރޯކޮށްލީ ކަމަށެވެ.

ކާސާމިއާގެ އިންޖީން ރޫމުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުން ----

"މިތަނުގެ އިންޖީނުގެ ތެރެއަށް ކޮންމެވެސް އެއްޗެއް އަޅާފައި ހުރި އެއްޗެއް އަޅައި އަނދާހުލުވެފައި ހުރީ," މުހައްމަދު ޖާބިރު ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ, މަތިވެރީގައި ކަރަންޓް ބޯޑެއްގައި އަލިފާން ރޯވެގެން ރޭ ފަތިހު ފަހެއް ޖަހާލިހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މީގެ ތިން އަހަރު ކުރިން ރޯކޮށްލުމުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކާސާމިއާ އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޖާބިރު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއިން ހިންގާ ކާސާ މިއާ މޯލްޑިވްސްގައި އަލިފާން ރޯކޮށްލައިފައިވަނީ 2019ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭއެވެ. އެގޮތުން އެއިރު ޖާބިރު ވިދާޅުވީ އެ ތަން އަންދާލައިފައިވަނީ އެތަން ހުޅުވަން އެތައް މިލިއަން ޑޮލަރެެއް އިންވެސްޓުކޮށް، ހުޅުވަން ތައްޔާރުވެފައި ވަނިކޮށްކަމަށެވެ.

ޖާބިރުގެ ރިޗް ކުލަބު ކުންފުނިން މަތިވެރީގައި އެ ރަށުގެ ކައުންސިލުން 21،000 އަކަފޫޓުގެ ބިމަކާއި 25،000 އަކަފޫޓުގެ ބިމެއް ކުއްޔަށް ނަގައިގެން ހަދާފައި ހުރި ގެސްޓްހައުސްއާ ހަވާލުވެފައިވަނީ 2017ވަނަ އަހަރެވެ. އެ ބިން ޖާބިރަށް ކުއްޔަށް ދޫކޮށްފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ.

comment ކޮމެންޓް