ޖާބިރަށް ކާށިދޫ ދާއިރާގެ ގޮނޑި ގެއްލިއްޖެ

މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ވެސް ގޮނޑި ދިފާއުނުކުރެވި، މިއަދު ނާކާމިޔާބުވެއްޖެއެވެ.

ވަގުތީ ނަތީޖާދައްކާ ގޮތުން ޖާބިރަށް މިހާތަނަށް ލިބިފައިވަނީ އެންމެ 44 ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓު މުންތަޒިމް އިބްރާހިމް ވަނީ 411 ވޯޓު ހޯއްދަވާފައެވެ. އެ ދާއިރާއިން ދެން ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ނަސީރު މުހައްމަދަށް ލިބިފައިވަނީ 139 ވޯޓެވެ.

މިހާރު ވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވަނީ ޖާބިރެެވެ. މި ހިނގާ 19 ވަނަ މަޖިލީހުގައި ވެސް އެންމެ ބޮޑެތި އަހުލާގީ މައްސަލަތައް ފެންމަތިވީ އެއް މެންބަރަކީ ޖާބިރެވެ.

އެންމެ ފުރަތަމަ ޖާބިރު ވާދަކުރައްވަން ނިންމެވީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައެވެ. އެކަމަކު، އަހުލާގީ މައްސަލަތަކެއް ބެލުމަށް ފަހު އޭނާގެ އަތުން ޓިކެޓު އަތުލަން އެމްޑީޕީން ވަނީ ނިންމައިފައެވެ.

ޖާބިރުގެ ފަރާތުން އެ މައްސަލަ ކޯޓަށް ވެސް ހުށަހެޅިއެވެ. އެކަމަކު، ކޯޓުން އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

އެހެންވެ، އޭނާ މި ފަހަރުގެ އިންތިޚާބުގައި ވާދަކުރައްވާފައިވަނީ އަމިއްލަގޮތުންނެވެ.

އެކަމަކު، ޖާބިރުގެ ދަރިފުޅު އަހުމަދު މުއާޛު ޖާބިރު ވަނީ އެމްޑީޕީގެ ޓިކެޓުގައި މަހިބަދޫ ދާއިރާއަށް ވާދަކުރައްވައިފައެވެ.

އޭނާއަށް ވެސް ގޮނޑި ކާމިޔާބުކުރެވިފައެއްނުވެއެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ ޕީއެންސީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރެއްވި މިހާރު ވެސް އެ ދާއިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް)އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ ސުޕަ މެޖޯރިޓީއެއް ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް