ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާނެ ގާބިލްކަން އެބަހުރި: އިމްރާން

މިނިސްޓަރު އިމްރާން ލޯފަން ކުދިންގެ ޖަމިއްޔާގެ ވެބްސައިޓު ލޯންޗު ކޮށްދެއްވަނީ-- ފޮޓޯ/ ހޯމް މިނިސްޓްރީ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާނެ ގާބިލްކަމާއި ފުދުންތެރިކަން ހުރި ނަމަވެސް އެ ކަން ކުރެވެން އޮތީ ކަންކަން އިތުރަށް ތަރުތީބު ކުރެވިގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވީ ލޯފަން ކުދިންގެ ޖަމިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީގެ އަހަރީ ކޭމްޕު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ކޭމްޕަކީ އެ ޖަމިއްޔާ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ހިންގި ކޭމްޕެކެވެ.

ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަފުޅުގައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީވުމަކީ ހުރިހާ އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ ދާއިރާއެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިމްރާން ވަނީ ރަސޫލާގެ ސީރަތުގައި މިފަދަ ވަރަށް މަތިވެރި ނަމޫނާތައް އެބަހުރިކަން ފާހަގަކުރައްވައިފައެވެ.

މިނިސްޓަރު އިމްރާން އިތުރަށް ވިދާުޅުވީ މުޖުތަމައެއްގެ ބަދަހިކަމާ އުފާވެރިކަމާއި، ދުޅަހެޔޮކަން ވަޒަން ކުރުމުގެ އެންމެ މުހިންމު މިންގަނޑަކީ އެމުޖުތަމައެއްގައި ދިރިއުޅޭ އެހެން އަފްރާދުންނާ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ މުޖުތަމައަކުން ލިއްބައިދޭ އެހީތެރިކަމާއި އޯގާވެރިކަމާއި އުފާވެރިކަން ކަމަށެވެ.

ހަމައެހެންމެ ޔޫތު މިނިސްޓްރީއާއި ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕަކީ މުޖުތަމައަށް މުހިންމު ކޭމްޕެއްގެ ގޮތުގައި އިމްރާން ސިފަ ކުރެއްވިއެވެ.

"އަޅުގަނޑު ހިތުން، މި ކޭމްޕުން ލިބުނު ތަޖުރިބާގެ ބޭނުން ކޮށްގެން މިފަދަ ގިނަ ކޭމްޕްތަކާ ދިމާއަށް ދަތުރު ކުރަންޖެހޭ. ނުކުޅެދުންތެރިކަން ހުރި އެހެން ކުދިންގެ ޙާލަތާމެދު ވިސްނައި އެކުދިންނަށްޓަކައި ވިސްނައި މުޖުތަމަޢާއި ސަރުކާރާ އަދި ހާއްސަކޮށް ޖަމްއިއްޔާތައް ގުޅިގެން ކޮށްދޭނެ ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަން ރަނގަޅަށް އޮގަނައިޒް ކުރަންޖެހޭ،" ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މި ކަމަށް ޓަކައި ލޯފަން ކުދިންގެ ޖަމިއްޔާއިން އިސްނަގައިގެން މަސައްކަތް ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ހާއްސަ އެހީއަށް ބޭނުންވާ ހުރިހާ ކުދިންނަށް އަޅާލާނެ ގާބިލްކަމާއި ފުދުންތެރިކަން އެބަހުރި ކަމަށާއި ބޭނުންވަނީ އެކަންކަން ރަނގަޅަށް ތަރުތީބުކޮށްގެން ހިންގުން ކަމަށެވެ.

ހަމައެހެންމެ އެކުދިންނަށް ޓަކައި ދޭންޖެހޭ ފުރިހަމަ ތައުލީމާއި ތަމްރީނާ ހުނަރު ދީގެން، މުޖުތަމުގަ ބޭނުންހިފޭނެ ބަޔަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވަނީ ލޯފަން ކުދިންގެ ޖަމިއްޔާގެ ވެބްސައިޓު ލޯންޗުުކޮށްދެއްވުމުގެ އިތުރުން އެ ޖަމިއްޔާއިން ނެރުނު މަދަހަ ސީޑީއެއް ވެސް ނެރެދެއްވައިފައެވެ.

comment ކޮމެންޓް