ތިލަމާލެ ބްރިޖު މަޝްރޫއުގެ ސާވޭ މަސައްކަތް ފަށައިފި

އޮގަސްޓް 1، 2021: ގުޅީފަޅު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ބްރިޖު އެޅުމަށް ޓަކައި ހަދަންޖެހޭ ސާވޭގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއުގެ ސާވޭގެ މަސައްކަތް ފަށައިފައިވަނީ އިއްޔެއެވެ. މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2022ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22ވަނަ ދުވަހުގެ ނިޔަލަށެވެ. ސާވޭގެ މަސައްކަތް ކުރާނީ އިންޑިއާގެ އެފްކޯންސް ކުންފުނީގެ ސަބްކޮންޓްރެކްޓަރު ފޯސައިޓް ސާވޭޒްއިންނެވެ.

ސާވޭގެ މަސައްކަތާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ސާވޭގެ މަސައްކަތުގައި ބޭނުންކުރާ ބޯޓަށާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޑައިވަރުންނަށް އުނދަގޫ ނުވާނެހެން ކަނޑު ދަތުރުކުރުމަށް ބޯޓު ކެޕްޓަނުންނަށް އަންގާފައެވެ.

ސާވޭގެ މަސައްކަތް ކުރާނީ މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން، ވިލިނގިއްޔާއި ގުޅީފަޅުގެ ދެކުނުފަރާތުގެ މޫދާ ހަމައަށެވެ. އަދި ތިލަފުށީގެ އިރުދެކުނު ކޮޅާއި ދެމެދު އެއް ކިލޯ މީޓަރު ފުޅާ ސަރަހައްދެއްގައެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދާނެ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ.

މި މަޝްރޫގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު މި ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

މި ބްރިޖު އެޅުމުގެ އެގްރީމެންޓް ގައި ދިވެހި ސަރުކާރާއި އިންޑިއާގެ އެފްކޮންސް ދެމެދު ސޮއި ކުރީ އޯގަސްޓު މަހުގެ 26ވަނަ ދުވަހެވެ.

މި މަޝްރޫއު ކުރިއަށްގެންދާނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.

comment ކޮމެންޓް