ފޭސްބުކްގެ ކޯޕަރޭޓް ނަން، ފޭސްބުކް އިންކް "މެޓާ އިންކް." އަށް ބަދަލުކޮށްފިއެވެ.
އެކަން އިއުލާނު ކުރީ ރޭ ބޭއްވި ފޭސްބުކް ކަނެކްޓް ކޮންފަރެންސްގައި އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގްއެވެ.
އޭނާއާ ހަވާލާދީ ބޭރުގެ ޓެކް ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ފޭސްބުކްގެ ޒަމާންވީ ނަން ބަދަލުކުރަން ނިންމީ، ހަމައެކަނި ސޯޝަލް މީޑިއާއަށް ހާއްސަވާ ކުންފުންޏަކުން އިތުރު ދާއިރާތަކަށް އޮޕަރޭޝަންސް ފުޅާކުރުމަށެވެ.
އެގޮތުން ހާއްސަކޮށް ވާޗުއަލް ރިއަލިޓީއަށް ވިޔަފާރި ފުޅާ ކުރާނެކަން ފާހަގަކޮށްފައިވެއެވެ.
މާކްގެ ދުރު ރާސްތާ އަމާޒަކީ ވެސް "މެޓާވާސް"ގެ ނަމުގައި މީހުންނަށް ގޭމު ކުޅެ، މަސައްކަތް ކޮށް، އެކަކު އަނެކަކާ މުއާމަލާތް ކުރެވޭ ފަދަ ވާޗުއަލް ވެށްޓެއް ގާއިމު ކުރުން ކަމަށް އޭނާއާ ހަވާލާދީ ޓެކް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.
ފޭސްބުކްގެ ކޯޕަރޭޓް ނަން ބަދަލު ކުރި ނަމަވެސް، އެ ކުންފުނީގެ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ތެރޭގައި ހިމެނޭ ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ފަދަ އެޕްލިކޭޝަންތަކުގެ ނަން ބަދަލެއް ނުވާނެއެވެ.
އެހެން ނަމަވެސް، ފޭސްބުކްގެ ދަށުން ހިންގާ ވާޗުއަލް ރިއަލިޓީ ހެޑްސެޓާއި ގޭމު އަދި އިކުއިޕްމަންޓް އުފައްދާ އޮކިއުލަސް ވެސް އަންނަ އަހަރުގެ ކުރީ ކޮޅުގައި ރީބްރޭންޑު ކުރާނެކަން ރޭގެ އިވެންޓުގައި ވަނީ އިއުލާނުކޮށްފައެވެ.
ރީބްރޭންޑިންއަށްފަހު އޮކިއުލަސް ކުއެސްޓް ބަދަލުވާނީ މެޓާ ކުއެސްޓްއަށެވެ. އަދި އޮކިއުލަސް އެޕްއަށް ކިޔާނީ މެޓާ ކުއެސްޓް އެޕްއެވެ.
ފޭސްބުކްގެ ކޯޕަރޭޓް ނަން ބަދަލު ކުރުމާއެކު ކެލިފޯނިއާގެ މެންލޯ ޕާކުގައި ހުންނަ ފޭސްބުކްގެ ހެޑްކުއާޓާޒްގެ ސައިން ބޯޑު ވެސް ވަނީ އާ ބްރޭންޑިން ނަމަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން ދުނިޔޭގެ ހިއްސާގެ ބާޒާރުގައި ފޭސްބުކްއިން ބޭނުންކުރާ "އެފްބީ" ޓިކާ ވެސް ޑިސެމްބަރު މަހުން ފެށިގެން "އެމްވީއާރްއެސް"އަށް ބަދަލު ކުރަން ވަނީ ނިންމާފައެވެ.