ނޫ އިގްތިސޯދު ކުރިއެރުވުމަށް ބޭރުގެ މާހިރުންނާއެކު މަސައްކަތް ކުރަން ޖެހޭ: ރައީސް

އިންވެސްޓްމެންޓް ފޯރަމްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

"ނޫ އިގްތިސޯދު" ކުރިއެރުވުމަށް ރާއްޖެއިން ބޮޑު އިސްކަމެއް ދޭ ކަމަށާއި އެހެން ގައުމުތަކުގެ މާހިރުންނަށް ވެސް އެކަމަށް އެހީވުމުގެ ފުރުސަތު އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާޓް (އައިއެމްޓީއެމް) ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްވި ކީނޯޓު ސްޕީޗުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް، ސެކްޓޯރަލް ޑައިވާސިފިކޭޝަނާއި، ތިމާވެށި ދެމެހެއްޓުމާއި، ރާއްޖޭގެ މުޖުތަމައުތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ ރާއްޖޭގެ ވަށައިގެން ވަނީ ކަނޑަށް ވުމާއެކު، ނޫ އިގްތިސޯދު ތަރައްގީ ކުރުމަށް ރާއްޖެއިން އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ރައީސް ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ދިރިއުޅުމަށްޓަކައި ކަނޑުގެ މައްޗަށް ބަރޯސާވެފައިވާ ބައެއްކަމަށާއި، އެހެންކަމުން ނޫ އިގްތިސޯދަކީ، ސަރުކާރުގެ އިގްތިސޯދީ ސިޔާސަތުގެ އޮނިގަނޑުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ.

ހަމައެހެންމެ ކަނޑުގެ ބިޔަ ވަސީލަތްތަކުގެ ބޭނުން ދެމެހެއްޓެނިވި ގޮތެއްގައި ހިފުމަކީ ދިވެހިންނަށް ވަރަށް މުހިންމު ކަމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ނޫ އިގްތިސޯދު ކުރިއެރުވުމަށް ޓަކައި ބައިނަލްއަގްވާމީ މާހިރުންނާ ގުޅިގެން ދެގައުމަށް ވެސް ފައިދާކުރަނިވި މަސައްކަތްތަކެއް ކުރުމުގެ ޖާގަ ފަހިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ރިސޯޓު މުވައްޒަފުންގެ 93 ޕަސެންޓު މީހުންނާއި ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 79 ޕަސެންޓު މީހުން މިހާރު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށެވެ.

2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ޓަކައި ބޭރުގެ ގައުމުތަކުގެ އެހީ ބޭނުންވާ ކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ އަލަށް ޓޫރިޒަމަށް ހުޅުވާލި ރަށްތަކަށް އިންވެސްޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީގެ ވާހަކައިގައި ބައިވެރިވުމަށް ރައީސް ވަނީ އިންވެސްޓަރުންނަށް ދައުވަތު އަރުވައިފައެވެ.

comment ކޮމެންޓް