ފުލުހުންގެ ނޯތު ޑިވިޝަންގެ ކޮމާންޑަރު ކުއްލި ގޮތަކަށް ނިޔާވެއްޖެ

އިސްމާއިލް ނަދީމް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ ނޯތު ޑިވިޝަނުގެ ކޮމާންޑަރެއްގެ ގޮތުގައި ހުރި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިސްމާއިލް ނަދީމް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ބ. ހިތާދުއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ނަދީމް ނިޔާވީ އައިޖީއެމްއެޗްގައި އިތުރު ފަރުވާ ދެމުންދަނިކޮށް މިއަދު އިރުއޮއްސި 6:55 ހާއިރުއެވެ.

އޭނާ ނިޔާވެފައިވަނީ ބ. އޭދަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދަމުން އަންނަ 'ހަށިހެޔޮ' ފުޓްސަލް މުބާރާތް ފެށުމުގެ ގޮތުން ކުޅުނު މެޗުގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެންނެވެ.

އެ މެޗުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މެޗު ބަލަން ހުންނެވި ބ. އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު "ސަން"އަށް ވިދާޅުވީ ނަދީމް ހުންނެވީ ގޯލް ކީޕަރަކަށް ކަމަށެވެ. އަދި ފުރަތަމަ ހާފުގެ ތެރޭގައިވެސް ފަރުވާ ހޯއްދެވުމަށްފަހު އޭނާ ކުޅުން ކުރިއަށް ގެންދިޔަ ކަމަށްވެސް ފާތިހު ވިދާޅުވިއެވެ.

"ދެވަނަ ހާފުގަ ވެސް އޭނަ އެރި ކުޅެން. ދެން ވަކި ހިސާބަކުން އިށީނީ އޭނަ. އެއަށްފަހު އޮށޯތީ. އެހިސާބުން ވަގުތުން އެޓެންޑްވި ޑރ. ސާލިހް. އެއީ އޭދަފުށި ހޮސްފިޓަލުގެ ސީނިއާ ޑޮކްޓަރެއް އެއީ ހަމަ،" ފާތިހު ވިދާޅުވިއެވެ.

ވަގުތުން ވަގުތަށް އޭދަފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދިޔަ ނަމަވެސް ހާލު އިތުރަށް ސީރިއަސް ވަމުން ދިއުމުން ރޭ ދަންވަރު 12 ޖަހާކަން ހާއިރު ވަނީ މާލެއަށް އެމެޖެންސީކޮށް ގެނެސްފައެވެ.

ފާތިހު އިތުރަށް ވިދާޅުވީ ނަދީމް މާލެ ގެނެވުނީވެސް މެޝިނަރީސްގެ އެހީގައި ފަރުވާ މެދު ކަނޑާނުލާ ކަމަށެވެ. އަދި އައިޖީއެމްއެޗްގައި އިތުރު ފަރުވާ ދެމުންދަނިކޮށް ނަދީމް ނިޔާވީ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުޅެން ހުއްޓާ ދިމާވީ ހިތުގެ މައްސަލައެއް ކަމަށާއި އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވާފައިވާ ކަމަށްވެސް ފާތިހު ވިދާޅުވިއެވެ.

"އެއީ ވަރަށް ހިތްހެޔޮ ބޭފުޅެއް. އަނެއްހެން އަޅުގަނޑާ ވަރަށް ގާތްކޮށް މަސައްކަތް ކުރެވިފަ ހުރި ފަރާތެއް އެއީ. އެގޮތުން އޭދަފުށީގެ ރައްޔިތުންގެ ނަމުގައާއި ކައުންސިލްގެ ނަމުގައި ނަދީމްގެ އާއިލާއަށް ތައުޒިޔާ އަދާ ކުރަން،" ފާތިހު ވިދާޅުވިއެވެ.

ނަދީމްގެ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ނަދީމްގެ މި ކުއްލި ވަކިވުމުގެ ހިތާމައިގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ދިދަ ބައި ދަނޑިއަށް ތިރި ކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ނިންމަވާފައެވެ.

comment ކޮމެންޓް