ޔުނައިޓެޑަށް ބޮޑު ލަދެއް، އޯލްޑް ޓްރެފޯޑުގައި ލިވަޕޫލުން ފަސް ގޯލު ޖަހައިފި

މުހައްމަދު ސަލާހު ޔުނައިޓެޑް ކޮޅަށް ހެޓްރިކް ހެދުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ/ލައިވްސްކޯ

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އެ ޓީމާ އެންމެ ވާދަވެރި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު 0-5 އިން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ބޮޑު ލަދަކާ ކުރިމަތިލާން ޖެހުނު އިރު، އެ މެޗުން ލިބުނު މޮޅާ އެކު ލިވަޕޫލް ވަނީ ނުވަ މެޗުން 21 ޕޮއިންޓް ހޯދައި ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. މެޗުން ބަލިވި ޔުނައިޓެޑް އޮތީ ނުވަ މެޗުން ލިބުނު 14 ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައިގައެވެ.

މިރޭގެ މެޗަށް ނުކުން އިރު، އެންމެ ބޮޑު ޕްރެޝަރެއް އޮތީ ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޮލްޝަޔާއަށެވެ. ދުނިޔޭގެ އެންމެ އަގުބޮޑު އެއް ސްކޮޑާ އެކު ރަނގަޅު ނަތީޖާތަކެއް ނުނެރެވޭ ކަމުގެ ޝަކުވާތައް އެ ޓީމުގެ ފޭނުން ސޯޝަލް މީޑިއާއަށް ބަންޑުން ކޮށްލާފައިވާ އިރު، މިރޭގެ ނަތީޖާއާ އެކު އިތުރަށް ޕްރެޝަރު ބޮޑުވާނެއެވެ.

މިރޭގެ މެޗު ފަށައިގެން ފަސްވަނަ މިނަޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގައިފައެވެ. ލިވަޕޫލުގެ ސްޓްރައިކަރު މުހައްމަދު ސަލާހު ހުސްކޮށްލާފައި ދިން ބޯޅައަކުން އެ ގޯލު ޖެހީ ނަބީ ކެއިޓާއެވެ. އޭގެ ހަތްވަރަކަށް މިނަޓު ފަހުން ލިވަޕޫލުން ވަނީ ޑިއޭގޯ ޔޮޓާގެ ގޯލުން ލީޑު ފުޅާ ކޮށްފައެވެ.

ލިވަޕޫލުގެ ދެވަނަ ގޯލާ އެކު ޔުނައިޓެޑުގެ ޑިފެންސް ވަރަށް ބޮޑަށް ވިހާލިވެ، ގިނަ ގޯސްތަކެއް ވަނީ ޑިފެންސްގައި ހަދައިފައެވެ. ނަތީޖާއަކަަށްވީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެ ގޯލު ލިވަޕޫލުން ޖެހުމެވެ. ލިވަޕޫލަށް އެ ދެ ގޯލު ޖަހައިދިނީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ ނުރައްކާތެރި ސްޓްރައިކަރު، މުހައްމަދު ސަލާހުއެވެ.

ދެވަނަ ހާފު ފަށައިގެން އިރަކޮޅެއް ތެރޭ ސަލާހު ވަނީ އޭނަގެ ތިންވަނަ ގޯލު ޖަހައި، ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

އެއަށްފަހުން ޔުނައިޓެޑުން ޓީމު ކުރިއަށް ޖައްސަން މަޖުބޫރުވި އިރު، ދެވަނަ ހާފުގައި ކުޅެން ނުކުން ޕޯލް ޕޮގްބާއަށް ވަނީ އޭނާ ކުޅެން އެރިތާ 15 މިނަޓު ނުވަނީސް ރަތްކާޑަކާ އެކު ދަނޑުން ފައިބަން ޖެހިފައެވެ.

މެޗު ނިމެން ދަނިކޮށް ޔުނައިޓެޑަށް ހިތްވަރު ހޯދައިދިނުމުގެ ގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ގޯލު އޮފްސައިޑް ކަމަށް ނިންމައިފައެވެ.

comment ކޮމެންޓް