ހައްލެއް ނެތި އަދިވެސް ޒުވާނުންނަށް އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ ޑްރަގްގެ ވަބާ: ހައިތަމް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ، މަޖިލިސް

ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު މިއަދު ވެސް އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ މަސްތުވާތަކެތީގެ ވާބާގެ ތެރެއަށް ހުށަހެޅޭ ޒުވާނުންގެ މިންވަރު ދުވަހަކަށްވުރެ ދުވަހެއްް އިތުރުވުންކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން ވާހަކަދައްކަވަމުން މެމްބަރު ހައިތަމް "ސަން"އަށް ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ އެންމެ މުހިންމު ރައުސުލްމާލުކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން އެ މީހުން ސަލާމަތްކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

"އެއީ ކޫލް ކަމެއް ނޫން އެއްގޮތަކަށް ވެސް. އެއަށް ރަނގަޅު ސޮލިއުޝަނެއް ނުފެންނަހާ ހިނދަކު ޒުވާނުން ދާނީ ހަލާކުވަމުން. އެ ވަބާއިން ސަލާމަތްވެވޭނެ މަގެއް ހޯދުނީމަ ޒުވާނުންގެ މުސްތަގްބަލު އުޖާލާ ވާނެކަމެއް ކޮށްދެވެން އޮތީ،" އޭނާ ވިދާޅުވިއެެވެ.

ހައިތަމް ވިދާޅުވީ މިއަދު އެެމްޑީޕީއަށް ސަރުކާރު ލިބިފައިވީ ނަމަވެސް އަދި މި ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް ޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި އެންމެ ފުރިހަމައަށް މަސައްކަތްކުރުމަށް ޓަކައި ގިނަ ހުރަސްތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ވަބާއިން ސަލާމަތް ނުވެވޭނަމަ ޒުވާން ޖީލޭ ކިޔާ ބައެއް ނުތިބޭނެ ދެން ރާއްޖެއަަކު. މިކަމުން ސަލާމަތްވުމަކީ ރާއްޖެއަށް އެންމެ މުހިންމު ކަންތައް،" ހައިތަމް ވިދާޅުވިއެވެ.

ހަމައެއާއެކު ގެދޮރުވެރިކަމާއި ވަޒީފާ ބޭނުންވާ އެތައް ޒުވާނުންނެއް ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ފަދަ ފުރުސަތުތައް މިއަދު މަދުކަމަށާއި އެ ފަދަ ފުރުސަތުތައް ފަހިކޮށްދިނުން މުހިންމުކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވަނީ މިއަދު ޒުވާނުންނަށް ހުރި ފުރުސަތުތަކުގެ ވާހަކަ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންގެ މުސްތަގްބަލަކީ ޒުވާނުން ދެއްތޯ. ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވުން ވަރެއް އޮންނާނީ. އަޅުގަނޑަށް ފާހަގަކުރެވޭ އެއްކަމަކީ ކުރިއަށްވުރެ ގިނައިން ޒުވާނުން މިހާރު ސިޔާސީ ދާއިރާއަށް ނިކުންނަކަން. އެހެންވީމާ ޒުވާނުންނަށް ރަނގަޅު ޑިސިޕްލީނަކާ އެއްކޮށް ކުރިއަށް ދެވެންޏާ ހަމަ އެއީ ވަރަށް ރަނގަޅުކަމެއް. އެހެންނަމަވެސް އަދިވެސް ފުރުސަތުތައް މަދީ ހަމަ،" ހައިތަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ ތެރެއިން ޒުވާނުންނަށް އާ ފުރުސަތުތަކެއް ފަހިވެ ކުރިއަރައިދާނެ މަގުތަކެއް ފަހިކޮށްދިނުމަކީ އެމްޑީޕީގެ އަމާޒުކަމަށެވެ.

މި ސަރުކާރުން އެންމެ ހާއްސަ އިސްކަމެއްް ދެނީ ޒުވާނުންގެ ބޭނުންތައް ފުއްދުމަށް ކަމަށެވެ. އަދި އޭނާ އުންމީދުކުރައްވަނީ ސަރުކާރުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ތެރެއިން އެ އަމާޒަށް ވާސިލްވެވުންކަމަށެވެ.

"ގަބޫލްކުރެވޭ ގޮތުގައި އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުމެންގެ މި ސަރުކާރުން ވެސް އަދި އަޅުގަނޑުމެންގެ ޕާޓީން ވެސް ޒުވާނުންނަށް ހަމަ ގިނަ ފުރުސަތުތައް ހުޅުވައިދޭނެކަމަށް. އަޅުގަނޑުގެ އުންމީދަކީ ވެސް އެއީ،" ހައިތަމް ވިދާޅުވިއެވެ.

comment ކޮމެންޓް