ތިނަދޫ މިއުޒިއަމް ޕާކުގައި ހުރި ޕަމްޕުތައް ހުރި ވަޅަކަށް ކުއްޖަކު ވެއްޓިއްޖެ

ގދ. ތިނަދޫ މިއުޒިއަމް ޕާކް

ގދ. ތިނަދޫ މިއުޒިއަމް ޕާކުގައި ހުރި ޕަމްޕު ހޮޅިތައް ހުރި ވަޅަކަށް ކުޑަ ކުއްޖަކު ވެއްޓި އަނިޔާވެއްޖެއެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އަލީ "ސަން"އަށް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 17:25ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން ތިނެއް ނުވަތަ ހަތަރު އަހަރުގެ ކުއްޖަކަށް ކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ޖަންކްޝަނެއް ނޫން. ޕަމްޕުތައް ބަހައްޓާފައި ހުންނަތަން އެއީ. އެ ތަނުގެ މަތިގަނޑު ހަލާކުވެފައި ހުރީމަ އެއީ. ފެން ހުރި ޖަންކްޝަނެއް ނޫން،" ނަސްރުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގައި އަނިޔާވި ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށެވެ. ނަމަވެސް ކުދި ކުދި ޒަހަމްތައް ހުރިކަމަށެވެ. އަދި މިހާރު ފަރުވާއަށް ހޮސްޕިޓަލަަށް ގެންގޮސް ކުއްޖާ ދޫކޮށްލައިފައިވާކަމަށް ވިދާޅުވިއެވެ.

"މިއަދަކީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ހިނގާ ދުވަސް ވީމަ ގިނަ މީހުން އެއްވެގެން އުޅެނީ. އެ ކުދިން ޕާކު ތެރޭގައި އެހެން އުޅުނިކޮށް ވީގޮތެއް އެއީ،" އޭނާ ވިދާޅުވިއެވެ.

އެއާއެކު އޭނާ ވިދާޅުވީ އެ ފަދަ މައްސަލައެއް ތަކުރާރުވެ ނުދިޔުމަށް ޓަކައި ކައުންސިލުން އިތުރަށް ސަމާލުވާނެކަމަށެވެ. އަދި އެ ތަނުގެ މަރާމާތުގެ މަސައްކަތް ވަރަށް އަވަހަށް ކުރާނެކަމަށެވެ.

"އަޅުގަނޑުމެން އެ ކަންކަން ބަލައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރާނަން،" ނަސްރުﷲ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް