ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗަކަށް ކުރިން އިޓަލީގެ އިންޓަމިލާނުން ވިދާލި ފްރެންސެސްކޯ މޮރިއޭރޯ ހަމަޖައްސާފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.
ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ގައުމީ ކޯޗަކަށް ހުރީ އަލީ ސުޒޭންއެވެ. އެކަމަކު އޭނާއަކީ އޭގެ ކުރިން ހުރި މާޓިން ކޫޕްމަން މަގާމުން ވަކިކުރުމާ ގުޅިގެން ވަގުތީ ގޮތުން ޓީމާ ހަވާލުވެ ހުރި ކޯޗެވެ. ސުޒޭންއަށް އަސްލު އެފްއޭއެމުން ދީފައި އޮތީ ޒުވާން ގައުމީ ޓީމުގެ ކޯޗުކަމުގެ ޒިންމާއެވެ. އެހެން ކަމުން ގައުމީ ޓީމަށް ދާއިމީ އާ ކޯޗެއްގެ ބޭނުން އޮތީ ބޮޑުވެފައެެވެ.
އެއާ އެކު މޮރިއޭރޯ ރާއްޖޭގެ ކޯޗުކަމާ ހަވާލުވި ކަމަށް އިޓަލީގެ ނޫސްތަކުން ވަނީ ޔަގީން ކޮށްދީފައެވެ. އިޓަލީގެ މަޝްހޫރު ގިނަ ކްލަބުތަކަކަށް ކުޅެ، ގައުމީ ޓީމަށްވެސް ކުރިން ކުޅުނު މޮރިއޭރޯ ރާއްޖޭގެ ކޯޗުކަމާ ހަވާލުވިކަން އިޓަލީގެ އެންމެ މަގުބޫލު ނޫސް "ލަ ގެޒެޓް ޑެލޯ ސްޕޯޓްސް" އިންވެސް ވަނީ ޔަގީން ކޮށްދީފައެވެ.
މޮރިއޭރޯ ގައުމީ ޓީމާ ހަވާލުވެއްޖެނަމަ އޭނާ ވެގެންދާނީ މި އަހަރު ތެރޭގައި ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުަގއި ފެންނާނެ ތިން ވަނަ ކޯޗަަށެވެ. އަދި މިދިޔަ ފަސް އަހަރަށް ބަލާނަމަ ގައުމީ ޓީމުން ފެންނާނެ ފަސް ހަ ވަނަ ކޯޗަށެވެ.
ކޯޗެއްގެ ގޮތުގައި މޮރިއޭރޯ 52، އެންމެ ފަހުން މަސައްކަތް ކުރީ އަލްބޭނިއާގެ ޑައިނަމޯ ޓިރަނާގަ އެވެ. ގައުމުން ބޭރުގައި އޭނާގެ ފުރަތަމަ ތަޖުރިބާ އަކީ އައިވަރީ ކޯސްޓްގެ ކްލަބް، އެފްރިކާ ސްޕޯޓްސްގައި ކުރި މަސައްކަތެވެ. އޭނާ ވަނީ އިޓަލީގެ ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަން ކަމަށްވާ، ސެރީ ބީ އަދި ސެރީ ސީގެ ކްލަބުތަކުގައި މަސައްކަތް ކޮށްފަ އެވެ. އަދި ސްވިޒަލެންޑްގެ ކްލަބު ލުގާނޯ އަށް ވެސް ކޯޗް ކޮށްދިނެވެ.
އެހެން ކަމުން ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި އޭނާ ކޯޗުކަން ކޮށްދޭނެ ފުރަތަމަ ގައުމަށެވެ.
މޮރިއޭރޯއާ އެކު ދިވެހި ޓީމު އެންމެ އަވަހަށް ކުރިމަތިލާނެ މުބާރާތަކަށް އޮތީ އަންނަ މަހު ލަންކާގައި ބާއްވާ، މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތެވެ. އެ މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝް އާއި ޝީޝެލްސް އެވެ.