ގޭގައި ތިބެގެން މަސައްކަތްކުރާ މީހުންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތަކެއް ބާއްވަނީ!

އޮކްޓޯބަރ 10، 2016: ދަނޑުވެރިންގެ ދުވަހާ ގުޅިގެން ބޭއްވި ދަނޑުވެރިކަމުގެ ހާއްސަ މައުރަޒުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ބުދަ ދުވަހު ފާހަގަކުރާ "އިންޓަނޭޝަނަލް ހޯމް-ބޭސްޑް ވޯކާރސް ޑޭ"ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރާ މީހުންގެ ބައިނަލް އަގްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް އިން އިސްނަގައިގެން، "ހޯމް-ބޭސްޑް ވޯކާރސް ޑޭ އައުޓް"ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ބާއްވަން ނިންމައިފައިވާ މި ހަރަކާތް އޮންނާނީ މި މަހުގެ 21، 22 އަދި 23 ވަނަ ދުވަހުގައެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ބުނީ މި އިވެންޓުގެ މައިގަނޑު އެއް މަގްސަދަކީ ގޭގައި ތިބެގެން މަސައްކަތް ކުރާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކަށް މާކެޓް ހޯދައިދީ މިފަދަ ވިޔަފާރި ތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.

މި އިވެންޓުގައި ބައިވެރިވާ ވިޔަފާރިތަކަށް އެއްވެސް އަގަކާ ނުލައި، މުދާ ނުވަތަ ހިދުމަތް ޑިސްޕްލޭ ކުރުމާއި މާކެޓް ކުރުމާއި އަދި ވިއްކުމަށް ޓަކައި، ބައިވެރިވާ ކޮންމެ ވިޔަފާރިއަކަށް ހަތަރު ފޫޓު، ދެ ފޫޓުގެ މޭޒަކާއި ޓެންޓެއް ހިމެނޭ ސަރަހައްދެއް ހަމަޖައްސައިދޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ބުނީ މި އިވެންޓުގައި ކާބޯތަކެއްޗާއި، އަންނައުނާއި، ފޭސް ޕެއިންޓިންގ، މޭކަޕް ފަދަ ހިދުމަތްތަކުގެ އިތުރުން ގޭގައި ތިބެގެން ތައްޔާރު ކުރާ އެހެނިހެން ބާވަތްތަކުގެ މުދާ ވެސް ވިއްކޭނެ ކަމަށެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ބުނީ މި ހާއްސަ ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ 12:00 ގެ ކުރިން ރެޖިސްޓްރީ ވުމުގެ ކަންކަން ނިންމުމަކީ އެ ކޯޕަރޭޝަންގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

comment ކޮމެންޓް