ވަށައިގެންވަނީ ބައްޕަގެ ހަނދާންތައް: ގާތިލުންނަށް މައާފެއް ނެތް!

މަހުމޫދުގެ ސަންދޯއް ވަޅުލަން ގެންދަނީ: ސަންދޯކުގެ އެންމެ ކުރީގައި ހިފައިގެން ހުރީ އޭނާގެ ދޮށީ ދަރިފުޅު ފިޒާން -- ސަން ފޮޓޯ

" ހުސް ހަނދާން ދޯ. ކޮންމެ ކަމެއް ވެސް ހަމަ ވަރަށް ހަނދާންވާނެ،" ބައްޕަގެ އެންމެ ހަނދާންވާނެ ކަމަކީ ކޮބާތޯ އެހުމުން، ފެންކަޅިވެފައިވާ ހާލު، މަހްމޫދު އަބޫބަކުރުގެ ދޮށީ ފިރިހެންދަރި މުހައްމަދު ފިޒާން ބުންޏެވެ.

ފިޒާންއާ އޭނާގެ ބައްޕަ ބައްދަލުވީ ބުދަ ދުވަހުގެ ރޭ އިރާކޮޅުއެވެ. ބައްދަލުވީ ވަގުތު ދެކެވުނު ވާހަކައަކީ ކެފޭއިން މަސް ހުސްވެފައިވާތީ، މަސް ގަތުމުގެ ވާހަކައެެވެ. ބައްޕަގެ ވާހަކައިން ތަފާތުކަމެއް އެ ރެޔަކު ވެސް ފިޒާނަށް ފާހަގައެއް ނުކުރެވުނެވެ.

މަހުމޫދު މަރައިލައިފައިވަނީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. އޭނާ މަރާލުމަށްފަހު އޭނާގެ ދެ ފަރާތުން ގޯނި އަރުވައިފައި އެއްލައިލައިފައި އޮތީ ފަޅު ގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރެއަށެވެ.

އޭނާގެ މަރާއެކު އާއިލާއަށް ލިބިފައިވަނީ ކުއްލި ސިހުމެކެވެ. ކަންބޮޑުވުމާއި ހާސްކަމެވެ. މޮޅިވެރިކަމާއި މާޔޫސީކަމެވެ. އެކަނިވެރިކަމާއި ނުތަނަވަސްވެރިކަމެވެ.

މެޗު ބަލަން އިނދެފައި ދިޔައީ ފޯނެއް އައުމުން!

ބުދަ ދުވަހުގެ ރޭ ސާފްޗެމްޕިއަންޝިޕްގައި އިންޑިއާއާއި ރާއްޖެ ވާދަކުރި މެޗު ބަލަން މަހުމޫދާއި އޭނާގެ އަންހެނުން ތިބީ އެ ދެމަފިރިންގެ ކޮޓަރީގައެވެ.

މެޗު ނިމުން ވަގުތު މަހުމޫދަށް ފޯނެއް އައެވެ. އޭނާގެ އަންހެނުން ލަފާ ކުރާ ގޮތުގައި އެއީ ގޭސްފުޅިއެއް ހޯދަން އައި ފޯންކޯލެކެވެ. ސަބަބަކީ މަހުމޫދަކީ ކާޑުގެ ބާވަތްތަކާއި، ގޭހާއި، ފެން ރަށުގައި ވިއްކާ މީހަކަށް ވާތީއެވެ.

ފޯނު އައުމުން "ހަމަ މިގަޑީ ދާންވީހޭ" މަހުމޫދު ސުވާލު ކުރިއެވެ. އަދި އެއަށްފަހު އޭނާ ނުކުމެގެން ދިޔައީއެވެ.

މަހުމޫދު ދިރިއުޅުނު "މޮނަލާޒް" ގެ -- ސަން ފޮޓޯ: ޢާލިމް އަބްދުއްލަތީފް

އެ ދިޔަ ގޮތަށް މަހުމޫދުގެ ޚަބަރެއް ނުވިއެވެ. އޭނާގެ އަންހެނުން ކަންބޮޑުވާން ފެށީ ކޮންމެ ދުވަހަކު ވެސް ފަތިސް ނަމާދަށް އަންނަ ފިރިމީހާ ގެއަށް ނައިސް ލަސްވާތީއެވެ.

އިރު އަރައި އެތައް އިރެއް ވީއިރު ވެސް މަހުމޫދު ނާދެއެވެ. ފޯނު ކޯލަކަށް ޖަވާބެއް ނުދެއެވެ. އެހެންކަމުން ކައުންސިލަށް މަހުމޫދު ގެއްލިގެން އުޅޭކަން އެންގީއެވެ.

އެތައް އިރެއް ފަހުން ފެނުނީ ވަޅެއްގެ ތެރޭގައި މަރާލައިފައި އޮއްވާ!

މަހުމޫދު ހޯދަން ރަށުގެ ހުރިހާ ރައްޔިތުން ނުކުތެވެ. އޭނާއަކީ މީހުންގެ އިހްތިރާމާއި ގަދަރާއި ލޯބި ހޯދައިފައިވާ ވިޔަފާރިވެރިއެކެވެ. އެންމެނާ ވެސް ގުޅޭ މަޖާ މިޒާޖެއްގެ މީހެކެވެ.

މަހުމޫދު ނުފެނި ގިނައިރު ވަމުން ދިޔަ ވަރަކަށް ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އޭނާ ދިރިހުއްޓާ ފެންނާނެ ކަމުގެ އުއްމީދު ފެށީ ކުޑަ ވާށެވެ.

" މެންދުރު ވީ އިރު ވެސް ނުފެނުނީމަ، ދެން ދިރިހުއްޓާ ފެންނާނެ ކަމުގެ އުއްމީދު ވަރަށް ކުޑަވި،" މަހުމޫދު ހޯދަން ނުކުމެ އުޅުނު ދަނގެތީ މީހަކު ކިޔައިދިނެވެ.

މަހުމޫދު ފެނުނީ ފަޅު ގެއެއްގެ ތެރޭގައި ހުރި ވަޅެއްގެ ތެރޭގައި އޮއްވާއެވެ. އޭނާ އެ ވަޅަށް ލައިފައިވަނީ އަނިޔާވެރި ގޮތަކަށް މަރާލުމަށް ފަހުގައެވެ. އަދި ދެ ފަރާތުން ގޯނި އަރުވައިފައިވެއެވެ.

މަހުމޫދު މަރައިލައިފައި އޮއްވާ ފުރަތަމަ ފެނުނީ ދެ އަންހެނުންނަށެވެ. އެއީ މި ރަށު އަންހެނަކާއި މި ރަށު މީހަކާ އިނދެގެން އުޅޭ އިންޑިއާ އަންހެނެކެވެ.

އެ މީހުން ބުނީ އެ މީހުންނަށް ފެނުނު އިރު ވެސް އެ ވަޅުގައި ހުރީ، ޓިނު އަޅައި، ސަތަރި އަޅައި އަދި އޭގެ މަތިން ގާ ވެސް އަރުވައިފައި ކަމަށެވެ.

މަހުމޫދު މަރާލުމަށްފަހު ލައިފައި އޮތް ވަޅު -- ސަން ފޮޓޯ/ ކިޔުންތެރިއެއް

އެހެން ނަމަވެސް އެތަން ވެސް ބަލާލުމުގެ ނިޔަތުގައި އެ ދެ އަންހެނުން ގޮސް ބެލީއެވެ. އަދި އެތަނުގައި ހުރި އިންޑިއާ އަންހެން މީހާއަށް މަހުމޫދުގެ އަތް ތިރިއަށް ފެންގަނޑު ތެރޭގައި އޮތްތަން ފެނުނެވެ. މަހުމޫދު ވަޅަށް ލައިފައި އޮތީ ބޯކޮޅުވަތަށެވެ.

"ފެނުނީމަ އަހަރެމެން ހަޅޭއް ލެވީ، ބޭބެ މިއޮތީ އޭ ކިޔާފަ. ދެން މީހުން އައީ،" ފުރަތަމަ މަހުމޫދުގެ ހަށިގަނޑު ފެނުނު އިންޑިއާ މީހާ ކިޔައިދިނެވެ.

އަނިޔާވެރިކަން އިންތިހާ: އިންސާނިއްޔަތުކަމެއް ނެތް!

މަހުމޫދަށް އަނިޔާ ކޮށްފައިވަނީ އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ހުރި ބައެއް ނޫނެވެ. އެއަށްވުރެ މަހުމޫދަށް ކޮށްފައިވާ އަނިޔާތައް މާބޮޑެވެ. މަހުމޫދުގެ ދަނބިދަރި ވަނީ މަހުމޫދަށް ކޮށްފައިހުރި އަނިޔާ ތަފްސީލްކޮށް "ސަން"އަށް ކިޔައިދިނެވެ.

އޭނާގެ ފުއްކިބައިގައި 2.5 އިންޗީގެ ދެ ޒަހަމު ހުއްޓެވެ. އަދި ނިއްކުރީގައި 2.5 އިންޗީގެ ޒަހަމެއް ހުއްޓެވެ. މީގެ އިތުރުން، ކަރު މައްޗަށް ވެސް އެ ވަރުގެ ދެ ޒަހަމް ހުއްޓެވެ.

"ނޭވާ ހޮޅިން ބުރިކޮށްލާފަ ހުރީ، ކަރުގައި ވަޅި އަޅާފަ،" އިމާދު ކިޔައިދިނެވެ.

އަނިޔާވެރިކޮށް މަރައިލައިފައި އޮއްވާ ފެނުނު މަހްމޫދު އަބޫބަކުރު --

މަހުމޫދުގެ ކަންފަތްމަތީގައި ވެސް 2.5 އިންޗި ވަރުގެ ޒަހަމެއް ހުއްޓެވެ. އަދި ކަނާތްފަރާތުގައި ލޯ ކައިރިން ވަރަށް ފުން ޒަހަމެއް ހުރިކަމަށް އިމާދު ކިޔައިދިނެވެ.

" މިއަދު ހިނަވަން ވައްދާފަ، އަޅުގަނޑު ވެސް ހިނެވުމުގައި ބައިވެރިވިން. ބުރަކަށި ފަރާތުގައި ހަމަ ދެ ލައްގަނޑު އިން. ހަމަ ހަން ގޮސްފަ. އަޅުގަނޑަށް އޭތި ސިފަ ކުރެވުނީ ބިންމަތީގައި ފައިގައި ހިފާ ދެމީމަ ޖެހިފައި ހަންގޮސްފަ ހުރި ތަނޭ އެއީ،" އިމާދު ކިޔައިދިނެވެ.

އިމާދު ގަބޫލު ކުރާ ގޮތުގައި މަހުމޫދުގެ ގަތުލު ހިންގައިފައިވަނީ އެ ވަޅު ކައިރިއަކު ނޫނެވެ. އޭނާ މަރާލީ އެހެން ސަރަހައްދެއްގައެވެ. އަދި މި ކަމަކީ ވަރަށް "ޕްރޮފެޝަނަލް" ބަޔަކު ކޮށްފައިވާ ކަމެއް ކަމުގައި އޭނާ ތުހުމަތު ކުރެއެވެ.

" ބޮޑަށް ބެލެވެނީ ޖަހާ ހޭ ނައްތާލާފަ ގެނެއްސަ، ވަޅަށް ބޯ ދިމާކޮށްފަ ވަޅިން ތަޅާފަ ހުރިކަމަށް، އެއީ ވަޅު ތެރޭގައި ވަރަށް ބައިވަރު ލޭ ހުރި. ހަމަ މިހާރު ވެސް ވަޅު އެހުރީ ލޭގަނޑެއް ހެން،" އިމާދު ކިޔައިދިނެވެ.

މި ރަށު މީހަކު އެފަދަ ކަމެއް ނުކުރާނެ!

އިމާދު ބުނީ މި ރަށު ރައްޔިތަކު އެފަދަ ކަމެއް ކޮށްފާނެއޭ އޭނާ ނުބުނާނެ ކަމަށެވެ. ނަމަވެސް މިހާރު ކަމެއް ކުރާނީ ކާކުކަން ނޭނގޭ ކަމަށް ވެސް އިމާދު ބުންޏެވެ.

"ސީދާ ސަތޭކައިންސަތޭކަ ނުހިނގާނޭ ބުނާކަށް ނުކެރޭނެ. 99 ޕަސެންޓް އަޅުގަނޑަށް ހަމަ ޔަގީން މި ރަށު މީހަކު ނުކުރާނެ،" އިމާދު ބުންޏެވެ.

މަހުމޫދަކީ މި ރަށު އެންމެންގެ ވެސް ގަދަރާއި ލޯބި ލިބިފައިވާ މީހެކެވެ. އެހެންކަމުން، މަހުމޫދާމެދު ހަސަދަވެރިކަމެއް، ރުޅިވެރިކަމެއް ބާއްވަން ޖެހޭ މީހަކު އުޅޭނެ ކަމަކަށް އިމާދު ގަބޫލެއް ނުކުރެއެވެ.

މަހުމޫދު ގެއްލުނީއްސުރެ ވެސް ދަނގެތީ ރައްޔިތުންގެ ކިބައިން ފެނުނީ އެއްބައިވަންތަކަމެވެ. އަހުވަންތަކަމެވެ. މަހުމޫދުގެ އާއިލާއަށް ކައްކާ ކާންދިނީ ވެސް މި ރަށުގެ ރައްޔިތުންނެވެ.

މަހުމޫދުގެ ޖަނާޒާގައި ދަނގެތީގެ މުޅި ރައްޔަތް ބައިވެރިވި --

" ކާންބޯން ކުރަން ހުރި މަސައްކަތް ދޫކޮށްލާފަ މި ތިން ދުވަސް މި ހޭދަކޮށްލީ އަޅުގަނޑުމެންނާއެކު. މައްޔިތާގެ ވެސް އަޅުގަނޑުމެން ކުރި ޚަރަދެއް ނޯންނާނެ. ވަޅުލުމަކަށް ވެސް އެހެން ކަމަކަށް ވެސް. އެއީ ރަށުގެ ރައްޔިތުން ކޮށްދޭ ކަންތައް،" އިމާދު ބުންޏެވެ.

ގާތިލުންނަށް ދުވަހަކު ވެސް މައާފެއް ނެތް!

މަހުމޫދުގެ ދަރިފުޅު ފިޒާން ބުނީ އޭނާގެ ބައްޕަގެ ގާތިލުންނަށް ދުވަހަކު ވެސް މާފެއް ނުކުރާނެ ކަމަށެވެ. އަދި ބައްޕަގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ވީހާ ވެސް އަވަހަކަށް ގެނެސްދިނުމަކީ އޭނާގެ އާދޭހެވެ.

ދަނބިދަރިފުޅު އިމާދު ބުނީ އިންސާފު ލިބޭނެ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

"އިންސާފަކީ ﷲގެ ހަޒްރަތުން ލިބޭ އިންސާފު ކަމަށް ގަބޫލު ކުރަނީ. އިރާދަކުރެއްވިއްޔާ އުއްމީދުކުރަނީ ސުވަރުގެވަންތަވެރިއެއްގެ ގޮތުގައި ޝަހީދު މަރެއް ކަމަށް،" އިމާދު ބުންޏެވެ.

އިމާދު ބުނީ ދުނިޔެމަތީގައި އެކަމަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ސަބަބަކީ ރާއްޖޭގައި ހިނގައިފައިވާ އެއްވެސް މަރަކަށް މިހާތަނަށް ފުރިހަމަ އިންސާފު ލިބިފައިނުވާތީ ކަމަށް ވެސް އޭނާ ބުންޏެވެ.

" އެންމެ ކްރިމިނަލް މީހަކު ހައްޔަރުވެފައި ހުރުމަކީ ވެސް އަޅުގަނޑު ދެކެން ބޭނުންވާ ކަމެއް. އެކަން ކުރި ބަޔަކު ހައްޔަރުވެލާފަ ހުރިއްޔާ ވެސް ރަނގަޅު،" އިމާދު ބުންޏެވެ.

އާއިލާ ފުން ހިތާމައެއްގައި!

މަހްމޫދާއި އޭނާގެ އަންހެނުންގެ ކައިވެންޏަށް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ ދެމަފިިރިންގެ ފަސް ދަރިން ތިބެއެވެ. އެންމެ ދޮށީ އަންހެން ކުއްޖާގެ ތިން ދަރިން ތިބެއެވެ. މުޅި ޖުމުލަ ނުވަ ކާފަ ދަރިން އެ ދެމަފިރިންގެ ތިބެއެވެ.

މަހްމޫދުގެ މަންމަ ވެެސް ދުނިޔޭގައި އެބަހުއްޓެވެ. މި ރަށުން ވާހަކަ ދައްކާލެވުނު މީހަކު ބުނި ގޮތުގައި މަހުމޫދުގެ މޫނު ބަލަން ގޮސްފައި ވެސް އޭނާގެ މަންމަ ވަރަށް ރުޔެވެ.

މަހުމޫދު އަނިޔާވެރި ގޮތަކަށް މަރާލެވުނީ އަންނަ ހަފްތާގައި އެ ދެމަފިރިން އިންޑިއާއަށް ބޭސްފަރުވާއަށް ދާން ނިންމައިފައި ވަނިކޮށްނެވެ.

" މިހާރު އާއިލާ ވަރަށް ހިތާމައިގައި ތިބީ. ހާއްސަކޮށް އެހާ އަނިޔާވެރިކޮށް އެކަން ހިނގައިފައި އޮތީމައާއެކު. އަހަރެމެންގެ ދިރިއުޅުމުގައި ހަމަ އެންމެ މުހިންމީ މަންމައާއި ބައްޕަ،" އިމާދު ބުންޏެވެ.

މިއަދު މަހުމޫދުގެ އާއިލާއަކީ ތަނަވަސްކަމުގައި ދިރިއުޅޭ އާއިލާއެކެވެ. އެއީ މަހުމޫދުގެ ބުރަ މަސައްކަތެވެ. ކޮންމެ ދުވަހަކު ވަރުބަލިކަމެއްނެތި ކުރި މަސައްކަތެވެ. އޭނާގެ ކެފޭއެއް އެބަހުއްޓެވެ. ހޯލްސޭލް ފިހާރަ އެބަހުއްޓެވެ. އޮޑިދޯނިފަހަރު އެބަހުއްޓެވެ.

މަހުމޫދު ހިންގި މޮނަލާޒް ކެފޭ -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

" ކޮންމެ ދުވަހަކު ހިދުމަތުގައި ހުރެފައި ވަކިވެގެން ދިއުން. އެއީ ދެން އަޅުގަނޑުމެންގެ ހަޔާތުގައި ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެ ފަދަ ކަންތައްތަކެއް ގޮތުގައި ފާހަގަ ކުރަނީ،" އިމާދު ބުންޏެވެ.

މަހުމޫދުގެ އާއިލާއިން ތިބީ އޭނާގެ ގާތިލުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އަދި އެ އެކަމަށް އެދި ފެންބޮވައިގެންފައެވެ. އަނިޔާވެރިކަމާއެކު މަހުމޫދު މަރާލި، އިންސާނިއްުޔަތުގެ ކަންފުޅެއް ވެސް ނެތް ގާތިލުންނަށް އާއިލާގެ މައާފެއް ނެތެވެ.

comment ކޮމެންޓް