"ސީޕްލޭން ކޮމްޕެނީ ގްލޯބަލް އެވޯޑް" ޓީއެމްއޭއިން ކާމިޔާބުކޮށްފި

ޓީއެމްއޭގެ ސީޕްލޭނެއް -- ފޮޓޯ/ ޓީއެމްއޭ

ވޯލްޑް ލަގްޒަރީ އެވޯޑްސް 2021ގެ އެންމެ ފަހުރުވެރި އެއް އެވޯޑުކަމަށްވާ ސީޕްލޭން ކޮމްޕެނީ ގްލޯބަލް އެވޯޑް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭން އޮޕަރޭޝަންތައް ހިންގަމުން އަންނަ ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ)އިން ކާމިޔާބުކޮށްފިއެވެ.

ޓީއެމްއޭއަށް މި އެވޯޑް ދީފައިވަނީ މި މަހުގެ ނުވަވަނަ ދުވަހު މޯރިޝަސްގެ ޓްރޯ އޯކްސް ބީޗެސް ބީޗްކޮމްބާ ގޮލްފް ރިސޯޓް އެންޑް ސްޕާގައި އޮތް ގާލާ ނައިޓެއްގައެވެ.

ޓީއެމްއޭއިން ބުނީ އެ ކުންފުންޏަށް ކާމިޔާބުވި އެ އެވޯޑާއެކު ހިދުމަތް ހޯދާ ފަތުރުވެރިންގެ މެދުގައި އެ ކުންފުނީގެ ހިދުމަތްތަކާ މެދު އޮންނަ އިތުބާރު އިތުރުވާނެކަމަށް އުންމީދުކުރާކަމަށެވެ. އަދި މިހާރު ދެމުން އަންނަ ހިދުމަތުގެ ފެންވަރު ހިފަހައްޓައި، އިތުރަށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްކުރާނެކަމަށެވެ.

ޓީއެމްއޭގެ ސީޕްލޭނެއް -- ފޮޓޯ/ ޓީއެމްއޭ

ވޯލްޑް ލަގްޒަރީ އެވޯޑަކީ ބައިނަލްއަގްވާމީ ގޮތުގައި ފާހަގަކޮށްލެވޭ ފެންވަރެއްގައި ދޭ އެެވޯޑެކެވެ. އަދި އެންމެ ރަނގަޅު ހިދުމަތްތައް ދެމުން އަންނަ ކުންފުނިތަކުގެ އަގު ވަޒަންކޮށް ހިދުމަތް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މި އެވޯޑު ދެނީ ވަކިވަކި ގައުމުތަކަށާއި ސަރަހައްދީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުންނެވެ. އެވޯޑު ލިބޭ ފަރާތެއް ހޮވަނީ ފަތުރުވެރިންނާއި ދާއިރާގެ ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
ޓީއެމްއޭގެ ސީޕްލޭން ފްލީޓުގައި މިވަގުތު 56 މަތިންދާ ބޯޓު އަންނަނީ އޮޕަރޭޓްކުރަމުންނެވެ. ރާއްޖޭގެ އެންމެ ނަން ހިނގާ 80އަށްވުރެ ގިނަ ރިސޯޓަށް ޓީއެމްއޭއިން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ.

ފާއިތުވި 30 އަހަރުގެ ތެރޭގައި ރާއްޖޭގައި ސީޕްލޭންގެ ހިދުމަތަށް އެންމެ ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދިން ކުންފުންޏަކީ ވެސް ޓީއެމްއޭއެވެ.

comment ކޮމެންޓް