ބްރިޓިޝް އެއާވޭސްގެ ސީދާ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި

ބްރިޓިޝް އެއާވޭސް -- ފޮޓޯ// ވީއައިއޭ

އިނގިރޭސި ގައުމީ އެއާލައިން ބްރިޓިޝް އެއާވޭސްއިން ރާއްޖެއަށް ކުރި ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު އެ އެއާލައިންގެ ސީދާ ދަތުރުތައް އިއްޔެ އަލުން ފަށައިފިއެވެ.

ބްރިޓިޝް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލީ މިދިޔަ މެއި މަހު ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، އިނގިރޭސިވިލާތުގެ ރެޑް ލިސްޓަށް ރާއްޖެ އެރުމުންނެވެ.

އެ ލިސްޓުން ރާއްޖޭގެ ނަން އުނި ކުރީ މިދިޔަ މަހުގެ 22ގައެވެ.

އެއާއެކު މިހާރު ރާއްޖެއަށް ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ކޮންމެ ހަފްތާއެއްގެ އާދިއްތަ، ބުދަ އަދި ހުކުރު ދުވަހު ކުރާނެއެވެ. އެއަށް ފަހު ރާއްޖެއިން އެ އެއާލައިންގެ ބޯޓުތައް ފުރާނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުގައެވެ.

ބްރިޓިޝް އެއާވޭސްގެ ވެބްސައިޓުގައިވާ ގޮތުން މިވަގުތު އެ އެއާލައިނުން ރާއްޖެއަށް އެންމެ އަގުހެޔޮކޮށް ދެކޮޅު ޓިކެޓި ލިބޭނީ އިކޮނޮމީ ކްލާސްއިން 639 ޑޮލަރަ (9،869 ރުފިޔާ)އަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު 27ގެ ނިޔަލަށް މިއަހަރު 858،711 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ފަތުރުވެރިން އައި މާކެޓުތަކަށް ބަލާނަމަ 2.1 ޕަސެންޓުގެ މާކެޓު ހިއްސާއަކާއެކު އިނގިރޭސިވިލާތް އޮތީ ލިސްޓުގެ އަށް ވަނައިގައެވެ. ނަމަވެސް ކޮވިޑު ހާލަތުގެ ކުރިން ފަސްވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ އެ ގައުމުންނެވެ.

comment ކޮމެންޓް