ކައުންސިލަރު ނަހުލާ ޕީޕީއެމުން ސަސްޕެންޑުކޮށްފި

ޑިސެމްބަރ 6، 2019: "އަނިޔާވެރި ހުކުމާ ދެކޮޅަށް" ޕީޕީއެމް/ ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ޕީޕީއެމްގެ ހަރަކާތަތްތަކުން ހަ މަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑުކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ "ސަން"އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

"ނަހުލާ ވަނީ ސަސްޕެންޑުކޮށްފައި. އެއީ ރަނގަޅު ވާހަކައެއް،" ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ނަހުލާ ސަސްޕެންޑުކޮށްފައިވަނީ އެ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންކަމަށެވެ.

"މި މައްސަލައަކީ ސުލޫކީ ކޮމިޓީއަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއް. ދިރާސާކޮށް އެ މައްސަލައާ ގުޅުންހުރި ފަރާތްތަކާ ވާހަކަދެއްކުމަށްފަހު އެ ގޮތަށް ފިޔަވަޅު އެޅިފައިވަނީ،" ހީނާ ވިދާޅުވިއެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ އެ ޕާޓީގެ ތެރޭގައި ބާއްވާ އެއްވެސް އިންތިހާބެއްގައި ވާދަކުރުމަށް އޮތް ފުރުސަތު ނަހުލާއަށް ގެއްލޭނެއެވެ.

އަދި ކުރިއަށް އޮތް ހަ މަސް ދުވަހު ޕާޓީގެ އެއްވެސް ރަސްމީ ޖަލްސާއެއްގައި ނުވަތަ އެއްވުމެއްގެ ޕޯޑިއަމްގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނަހުލާއަށް ވަނީ ގެއްލިފައެެވެ.

ހީނާ ވިދާޅުވީ އެ ޕާޓީގެ ސުލޫކީ ކޮމިޓީގެ އެ ނިންމުން އިސްތިއުނާފުކުރުމުގެ ފުރުސަތު ނަހުލާއަށް ދިންކަމަށެވެ. އަދި މިހާރު ނަހުލާ އެ މައްސަލައިގެ ނިންމުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ކައުންސިލަރެއްގެ ގޮތުގައި ނަހުލާ މާލޭ ސިޓީ ކައުންސިލުގައި މަސައްކަތްކުރައްވާއިރު މީގެ ކުރިން އޭނާއާ ގުޅޭ ތަފާތު އެކި މައްސަލަތައް ވަނީ ފެންްމަތިވެފައެވެ. އެގޮތުން ކައުންސިލަރުންތަކަކަށް ބިރު ދެއްކިކަމަށް ބުނެ ވެސް މީގެ ކުރިން މައްސަލައެއް ވަނީ ފާހަގަވެފައެވެ. ނަމަވެސް ނަހުލާވަނީ އެކަން ދޮގުކުރައްވާފައެވެ.

comment ކޮމެންޓް