ޒިހާނު ވަކީލަކު ބޭނުންނުވާކަމަށް ބުނުމުން އޭޖީގެ ލަފާ ހޯދަނީ

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި 13 ދައުވާ އުފުލާފައިވާ ޒިހާން ---

މިދިޔަ ޖޫން މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަރާލައިފައި ފޮއްޓަކަށްލުމަށްފަހު އެއްލާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާ މަރާލި ކަމަށް ތުހުމަތުކުރެވޭ ނ. ލަންދޫ، ބަގީޗާގެ، އިބްރާހީމް ޒިހާން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންނުވާ ކަމަށް ބުނުމުން އެޓާނީ ޖެނެރަލްގެ ލަފާ ހޯދަން ނިންމައިފިއެވެ.

ކުޑަކުއްޖާ މަރާލި މައްސަލައިގައި ޒިހާންގެ މައްޗަށް ވަނީ 13 ދައުވާއެއް އުފުލައިފައެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ މައްސަލާގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި ވެސް ޒިހާން އެދިފައި ވަނީ ވަކީލަކާ ނުލައި އެ މައްސަލަ ކުރިއަށްގެންދަން ކަމަށެވެ.

ތަހުގީގު މަރުހަލާގައި ވެސް ޒިހާން ވަނީ ވަކީލަކު ބޭނުންނުވާ ކަމަށް ބުނެފައެވެ.

އޮފިޝަލް ވިދާޅުވީ ގަސްތުގައި މީހަކު މެރުމުގެ ކުށް ތަހުގީގު ކުރުމުގަ އާއި އެ ކުށުގެ އަދަބު ތަންފީޒު ކުރުމުގައި އަމަލުކުރަންވީގޮތުގެ ގަވާއިދުގައި ވާ ގޮތުން މަރުގެ ހުކުމެއް އަތުވެދާނެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށްގެންދަން ޖެހެނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކުއެވެ.

އެ ގަވާއިދުގައި އެހެން ބުނެފައި ވަނިކޮށް، ޒިހާން ވަކީލަކު ބޭނުންނުވާ ކަމަށް ބުނާތީ އެކަމުގައި އަމަލުކުރަންވީ ގޮތުގެ ގާނޫނީ ލަފައެއް ހޯދުމަށް އޭޓާނީ ޖެނެރަލްގެ އޮފީހުގައި އެދެން ނިންމާފައިވާ ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޒިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުގައި މިއަދު ޝެޑިއުލް ކުރި ނަމަވެސް، އަޑުއެހުންތައް ފެށިފައެއް ނުވެއެވެ. މިއަދު ކުރިއަށް ގެންގޮސްފައިވަނީ ބަންދު މުރާޖައާ ކުރުމެވެ. އަދި ގާޒީ ނިންމާފައިވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ހުރި ހުރުން ދެމެހެއްޓުމަށެވެ.

އެ ދައުވާތައް ޒިހާންގެ މައްޗަށް ސާބިތުވެއްޖެނަމަ 100އެއްހާ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޒިހާންގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއަށްވެސް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކުރާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު ޝަމީމް ވިދާޅުވެފައިވެއެވެ.

ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލާފައި އޮއްވައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބި އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެކުއްޖާގެ ހަށިގަނޑު ފެނުނު އިރުވެސް ގިނަ ޒަހަމްތަކެއް ވަނީ ވެފައެވެ.

comment ކޮމެންޓް